ގޯލްކީޕަރެއް ގަތުމަށް ބާސެލޯނާގެ މެނޭޖްމެންޓްއިން މަޝްވަރާތައް ފަށައިފި ކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.

ބާސާއިން އާ ގޯލްކީޕަރެއް ގަތުމަށް މަޝްވަރާތައް ފެށީ، މި ދިޔަ އާދީއްތަ ދުވަހު އެ ޓީމު 5-1 އިން ވިޔަރިއާލް އަތުން މޮޅުވި މެޗުގައި އެ ޓީމުގެ އެއްވަނަ ކީޕަރު މާކް އަންޑްރޭ ޓާ ސްޓޭގެންގެ ކަކުލަށް ދިމާވި އިންޖަރީއެއްގެ ސަބަބުން މި ސީޒަނުގައި އިތުރަށް އޭނާއަށް ނުކުޅެވޭނެތީއެވެ.

ވިޔަރިއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓާ ސްޓޭގެންގެ ބަދަލަށް 25 އަހަރުގެ އިނާކީ ޕެނާ ވަނީ ކުޅުމުގެ ތެރެއަށް ވަދެފައެވެ. ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި ބާސާއިން ބޭނުންވަނީ އިނާކީއާ ވާދަކުރާނެ ކީޕަރެއް އެ ކްލަބަށް ގެނައުމަށެވެ. ޓްރާންސްފާ ވިންޑޯ ހުޅުވިފައިވާ ދުވަސްވަރެއް ނޫން ކަމުގައިވިއަސް ލަލީގާގެ ގަވާއިދުތަކުގައި ވާ ގޮތުގެ މަތިން ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި ކީޕަރެއް ބާސާއަށް ސޮއިކުރެވޭނެއެވެ.

ރިޕޯޓުތައް ހާމަކުރާ ގޮތުގައި ބާސާއިން އާ ކީޕަރެއް ގެންނަން މަޝްވަރާ ކުރަމުން ދިޔަ ކަމުގައިވިއަސް ފުރަތަމަ އެގާރައިގެ ޖާގަ އަދި އޮތީ އިނާކީއަށެވެ. 2012 ވަނަ އަހަރު ބާސާއާ ގުޅުނު އިނާކީ ވަނީ މި ދިޔަ ސީޒަނުގައި ވެސް ބާސާއަށް 12 މެޗު ކުޅެދީފައެވެ.