ތިން ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖު ހަދަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހަވާލުކޮށްފިިއެވެ.

މި ކަން ހާމަކުރައްވާ އެ މިނިސްޓްރީން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެގޮތުން ފިޝަރީޒް މިނިސްޓްރީން މި މަސައްކަތް ކުރަން މިފްކޯއާ ހަވާލުކުރި ތިން ރަށަކީ .މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫއެވެ.

އަދި މި ކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިވެސްކޮށްފައެވެ.މި އެއްބަސްވުމެއްގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ އިލްޔާސް ހަނީފް އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޒް ނަސީރު އެވެ.

މީގެއިތުރުން މި ކަމާގުޅިގެން މިފްކޯއިން ބުނީ ކޮންމެ ރަށެއްގައި އަޅާން ނިންމާފައިވަނީ 30 ޓަނުގެ އައިސްޕްލާންޓް ކަމަށާއި އަދި ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ އަށްމިލިއަން ރުފިޔާ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ސަރުކާރުން މިފްކޯއަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 8 މަސް ތެރޭގައި ނިންމާ ގޮތަށެެވެ.