ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީކޮށް މިއަހަރު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކ.ކާށިދޫގައި ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއް ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އާއި ކާށިދޫ ކައުންސިލް ގުޅިގެން ފަށައިފިއެވެ.

ދަނޑުވެރިކަން ތަރައްގީ ކުރުމަށާއި ދަނޑުވެރިކަމާއި ގުޅުން ހުރި ހާއްސަ މަޝްރޫއުތަކުގެ މައުލޫމާތު ކާށިދޫ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވޯކްޝޮޕުގައި ބައިވެރިވާ ދަނޑުވެރިންނަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ދީފައެވެ. މީގެ އިތުރުން ދަނޑުވެރިކަން ކުރުމުގައި ރޭވުންތެރިކަމާއި ޚަރަދު ކުރުމާއި ތަފާސް ހިސާބު ނަގައި ބެލެހެއްޓުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މުހިއްމު މައުލޫމާތުކެއް މިހާރު ކާށިދޫގައި ކުރިއަށްދާ ވޯކްޝޮޕުގައި ދަނޑުވެރިންނަށް ދަނޑުވެރިކަމާ ވުޒާރާއިން ވަނީ ފޯރުކޮށްދީފައެވެ.

ދަނޑުވެރިކަމާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް، ދަނޑުވެރިކަމާއި ގުޅޭ ވުޒާރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ މުހައްމަދު ރިހްވާން ދެއްވަނީ. ފޮޓޯ: ދަނޑުވެރިކަމާއި ބެހޭ ވުޒާރާ

ކާށިދޫގައި މިއަދު ކުރިއަށް ގެންދިޔަ އެންމެ މުހިއްމު އެއްހަރަކާތަކީ ކަށީދޫ ކަސްތަކަށް ޖެހޭ ބަލިތަކާއި އެބަލިތަކަށް ހައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ސީނިއަރ ރިސަރޗް އޮފިސަރ މުހައްމަދު އަފީފް ދަނޑުވެރިންނަށް މައުލޫމާތު ހިއްސާ ކުރުމަށް ދަނޑުތަކަށް ޒިޔާރަތްކޮށް ކުރިއަށް ގެންދިޔަ ސެޝަންތަކެވެ.

މީގެ އިތުރުން ކާށިދޫގައި ހުންނަ ކ.އަތޮޅު ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް މައިކްރޯ ގްރީން ހައްދަން ދަސްކޮޮށްދިނުމާއި ކެއުމުގައި މައިކްރޯ ގްރީން ބޭނުން ކުރުމަށް އަހްލުވެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއްވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މައިކްރޯ ގްރީން. ފޮޓޯ: ދަނޑުވެރިކަމާއި ބެހޭ ވުޒާރާ

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތީގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ ފާހަގަ ކޮށްލެވޭ އެއްހަރަކާތަކީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މައުރަޒެވެ. މައުރަޒު ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. މިމައުރަޒުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ކާށިދޫ ސްކޫލުގައެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ހަމަޖެހިފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ކާށިދުއަކީ ތޮއްޑޫ ފިޔަވައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެވެ. ކާށިދޫ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ރާއްޖޭގައި އެންމެ ގިނައިން ފަތްކޭލާ ކޮޕީ ފަތް ހައްދާ ރަށުގެ ގޮތުގައެވެ.