ދުނިޔޭގެ ލޯނު ދޫކުރާ މުއައްސަސާތަކާ އެކު ބާއްވާ މުހިންމު ބައްދަލުވުންތަކެއްގެ ކުރިން އެމެރިކާއަށް ވަޑައިގަތް ޕާކިސްތާންގެ މޟާލީ ވަޒީރު އިސްހާގު ދާރަށް ވޮޝިންޓަން ޑީސީގެ ޑަލްސް އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކިސްތާންގެ ބަޔަކު ދިމާކޮށް ހަދައިފިއެވެ.
ދާރުގެ މި ދަތުރުފުޅަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޑަލަސް އެއަރޕޯޓްގައި ބަޔަކު މީހުން ދާރްއާ ދިމާކުރާ މަންޒަރު ޕާކިސްތާންގެ ސޯޝަލް މީޑިއާގައި އާންމުކޮށް ހިއްސާކޮށްފައި ވެއެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ޕާކިސްތާން މިނިސްޓަރު އަރިހުގައި އެމެރިކާގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު މަސްއޫދު ޚާން އާއި އެހެން އޮފިޝަލުންވެސް ފެނެއެވެ.
ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި މީހުން ވަނީ ދާރްއާ ދިމާއަށް ވަގަށް ގޮވާފައެވެ. އޭގެ ޖަވާބުގައި ދާރުވެސް މީހުންނާ ދިމާއަށް އައުގުރާނަ ގޮވާ އަޑުވެސް އިވެއެވެ.
މިއީ ޕާކިސްތާންގެ މިނިސްޓަރުން ގައުމުން ބޭރަށް ކުރާ ދަތުރުތަކުގައި އަދި އެތެރޭގެ ދަތުރުތަކުގައި ވެސް ޖެއްސުން ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މަހު ލަންޑަންގެ ކޮފީ ޝޮޕެއްގައި ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު މަރިޔަމް އައުރަންގްޒޭބަށް ވެސް ބަޔަކު މީހުން ވަނީ ޖެއްސުން ކޯށްފައެވެ.
އޭގެ ކުރިން މިނިސްޓަރ ފޯ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އަހުސަން އިގްބާލަށް ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ސަޕޯޓަރުން ވަނީ ރެސްޓޯރެންޓެއްގައި ތުރާކޮށްފައެވެ.
އޭޕްރީލް މަހު ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ސައުދީ އަރަބިއްޔާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި މަސްޖިދުއް ނަބަވީގައި ޝެހްބާޒާއި އޭނާގެ ވަޒީރުންނާ ދެކޮޅަށް ޝިއާރުތައް ގޮވާފައި ވެއެވެ.