ޕާކިސްތާން ސިފައިންގެ ވެރިޔާއާއި ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް ކުރި ޓްވީޓަކާ ގުޅޭ މައްސަލައެއްގައި އިދިކޮޅު ޕީޓީއައިގެ ސެނެޓަރު އައުޒަމް ސްވާތީ އިތުރު ދުވަހަކަށް ހައްޔަރުގައި ބެހެއްޓުމަށް އިސްލާމްއާބާދު ޑިސްޓްރިކްޓް އެންޑް ސެޝަންސް ކޯޓުން އަންގައިފިއެވެ.

ކުރީގެ މިނިސްޓަރ ސްވާތީ ވަނީ ވަރުގަދަ ސެކިއުރިޓީއާއެކު ޓެސްޓްތަކެއް ހެދުމަށް ހަސްފަތާލަށްވެސް ގެންގޮސްފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީޓީއައިގެ ލީޑަރު ވިދާޅުވީ ބޭރު ގައުމުތަކުގެ މަދަދާއެކު އިންދާފައިވާ ގޮނޑިކޮއްކޮ ސަރުކާރުން މި ފަގީރު ގައުމުގެ 1100 ބިލިއަން ރުފިޔާ ވަގަށް ނަގައިފި ކަމަށެވެ.

ސްވަތީ ވަނީ ސިފައިން އިންދާފައިވާ ސަރުކާރެއް ކަމަށް ބުނެ ސިފައިންގެ ވާގިވެރިކަމާއެކު ކުރިން ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުނު މިޙާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އޭނާގެ ދަރިކަލުން ބަރީއަވެފައިވާ ކަމަށް ބުނެ ސިފައިންގެ ވެރިޔާއަށް ވަށްބަހުން ޖައްސަވާފައެވެ.

މިވާހަކަތައް ވިދާޅުވެ ސްވާތީ ކުރެއްވި ޓްވީޓާ ގުޅިގެން އޭނާ ވަނީ ދައުލަތުގެ އިދާރާއަކަށް ހުތުރު އެރުވުމުގެ ކުށުގައި ބަންދުކޮށްފައެވެ.