ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިއަދު ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާޖޮޓީ)ގެ ޙަރަކާތް ފައްޓަވައިދެއްވައިފިއެވެ.

މިއަދު މެންދުރު އަމީނިއްޔާ ސްކޫލް ގައި ފައްޓަވައިދެއްވި މި ޙަރަކާތަކީ ކޮންމެ އަހަރުކު ދުނިޔޭގެ ސްކައުޓުން ބާއްވާ ބައިނަލްއަޤުވާމީ ޙަރަކާތެކެވެ.

ޖޮޓާޖޮޓީ 2022، ރާއްޖޭގައި ރަސްމީ ގޮތުން މިއަދު ފައްޓަވައިދެއްވައި ވާހަކަ ފުޅު ދައްކަވަމުން ރައީސުލް ޖުމްގޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ސްކައުޓް ހަރަކާތުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ސްކައުޓް ހަރަކާތުގެ ތެރެއިން ދަސްވާ ދިރިއުޅުމުގެ ހުނަރުތައް ކަމުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފާހަގަކުރެއްވީ ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ހަރަކާތްކަމާއި، އަދި އެ ހަރަކާތް އެގޮތުގައި ކުރިއަރައިދަނީ ޤައުމުތަކާއި، މުޖުތަމަޢަށް އަދި ވަކިވަކި ފަރުދުންނަށްވެސް މި ހަރަކާތުގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާތީކަމަށެވެ.

އެގޮތުން މިއަދު ފެށުނު ޖަމްބަރީއާ އެކުވެސް ރާއްޖޭގެ އެކި ރަށްރަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އުފެދިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ކުދިންނަށް ޒިންމާދާރުވާން ދަސްވުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްވުން ފަދަ އެތައް ފައިދާތަކެއް ސްކައުޓް ހަރަކާތުން ލިބިގެންދާކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދިރިއުޅުމުގައި ޚަރަދު ކުޑަކުރުމާއި، ރަނގަޅުގޮތުގައި ކުނިމެނޭޖްކުރުމާއި، ވެށި ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

ޖޮޓާޖޮޓީ 2022 ރާއްޖޭގައި ރަސްމީގޮތުން ހުޅުވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމެޗަރ ރޭޑިއޯ މެދުވެރިކޮށް ސްރީލަންކާގައި ތިބި ސްކައުޓުންނަށް މެސެޖެއް ފޮނުއްވާފައެވެ.

ޖޮޓާޖޮޓީ އެންމެ ފުރަތަމަ ބޭއްވީ 1995 ގައެވެ. މި ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ޢުމުރުފުރާތަކުގެ ސްކައުޓުން އިންޓަރނެޓް އަދި ރޭޑިއޯ މެދުވެރިކޮށް ގުޅުވާލައިދޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

ކޮންމެ އޮކްޓޫބަރު މަހެއްގައި ބާއްވާ މި ހަރަކާތް މިއަހަރު ބާއްވަނީ އޮކްޓޫބަރު މަހުގެ 14 އިން 16 އަށެވެ. މި ހަރަކާތުގައި 172 އަށްވުރެ ގިނަ ޤައުމުން ދެ މިލިޔަނަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެއެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިހަރަކާތް ރާއްޖޭގައި މިއަދު ފެށިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންނަށްވެސް ވަރޗުއަލްކޮށް މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ.

2022ގެ ޖޮޓާޖޮޓީ ޙަރަކާތް ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އައިޝަތު އަލީ އާއި ސްކައުޓް އެސޯޝިއޭޝަންގެ އިސް ފަރާތްތައް ބައިވެރިވަޑައިގަތެވެ. އަދި މާލޭ ސްކޫލްތަކުގެ ސްކައުޓުންނާއި ކަބްސްކައުޓުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.