ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ވަނީ އިސްލާމްއާބާދަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ގެންނަވައި އެމެރިކާގެ ރައިސް ދެއްކެވި ވާހަކަފުޅަށް އިހުތިޖާޖު ކުރައްވާފައެވެ. ޕާކސިްތާންގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވީ އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ. އަދި އެނގިގެން ދަނީ އެމެރިކާއާއެކު ގުޅިގެން މަސައްކަތް ކުރުން މަދުވުމުން ބޭނުމެއް ނެތް އޮޅުންތައް އަރާކަމަށެވެ.
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފާއި އަދި ކުރީގެ ބޮދު ވަޒީރު ނަވާޒް ޝަރީފް ވަނީ ޓުއިޓާގައި ވަކިވަކިން ޕާކސްތާންގެ ނިއުކްލިއަރގެ ރައްކާތެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އިދިކޮޅު ލީޑަރު ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންވެސް ވަނީ ނިއުކްލިއަރގެ ރައްކާތެރިކަމުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.
އެމެރިކާގެ ރައިސް ޖޯ ބައިޑެން ޕާކިސްތާންގެ ނިއުކްލިއަރއާ ބެހޭ ގޮތުން ދެއްކެވި ވާހަތައް އޮޅުކަމުން ނުބައިކޮށް މާނަ ކުރެވުނީ ކަމަށް ޕާކިސްތާންގެ ޑޯން ނޫހުން ބުނެއެވެ.
“މީޑިއާ އާއި ގާތްގަނޑަކަށް ހުރިހާ ސިޔާސީ ޕާޓީތަކުން ދޭ ރިއެކްޝަން ހީވަނީ އޮޅިފައި އޮތްހެން. ސިޔާސީ މައިދާނުގައި މި ޚިޔާލުތަފާތުވުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން އަމިއްލައަށް ފޯކަސްއަށް ގެނެސްފައި ހުރެދާނެ ދުވަހަކުވެސް މަޝްވަރާ ނުކުރެވޭ މައްސަލައަކަށް. އެއީ (ޕާކިސްތާންގެ ނިއުކްލިއަރ ހަތިޔާރަށް އޮތް ނުރައްކާ). ޕާކިސްތާންގެ ސިޔާސީ މުހައްލިލެއް ކަމަށްވާ ޑރ. އާދިލް ސުލްތާން ވިދާޅުވެއެވެ.
އެމެރިކާގެ ރިއާސަތަށް ބަޑިދެން ވަޑައިގަތް ފަހުން ޕާކިސްތާނަކީ އޭނާ އިސްކަންދޭ ކަންކަމަށް ވުރެން ފަހަތަށް ޖައްސާފައި އޮތް މައްސަލައެކެވެ. ޑޯން ނޫހުން ބުނާ ގޮތުގައި ކުއްލިއަކަށް ޕާކސްތާންގެ މައްސަލަ ފާހަގަ ކުރެވުނީ ކަނޑައެޅިގެން ސަބަބެއް ނެތއެއް ނޫނެވެ. ލަފާ ކުރެވޭ ގޮތުގައި އެއީ ޕާކިސްތާނުގެ ހާލަތާ ބެހޭ ގޮތުން އޭނާއަށް ދާދި ފަހުން ލިބިވަޑައިގެންފައިވާ ކޮންމެވެސް ބްރީފިން އެއްގެ ނަތީޖާއަކަށް ވެދާނެ އެވެ. ޕާކިސްތާނުގެ ނިއުކްލިއާ ސަލާމަތީ މައްސަލައަކީ އެމެރިކާއަށް އިތުރަށް ކަންބޮޑުވާ ކަމެއް ނޫން ކަމަށް ހީކުރުމަކީ ކުށް ހީއެކެވެ.
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް އެލީ ރަޓްނާ މިދިޔަ މަހު ވިދާޅުވީ "ޕާކިސްތާނާ އެކު އޮންނަ ޑިފެންސް ޕާޓްނަޝިޕާ އެމެރިކާގެ މަސްލަހަތުތައް ގުޅިފައިވާ" ކަމަށެވެ.
އަދި އޭނާގެ ވާހަކައިގައި "މުހިންމު ގޮތެއްގައި ފޯކަސް ކުރެވިފައިވަނީ ކައުންޓަރ ޓެރަރިޒަމާއި ނިއުކްލިއާ ސަލާމަތަށް" ކަމަށް ޑޯން އިން ބުނެއެވެ.
އެމެރިކާ ސަރުކާރުގެ މައިގަނޑު ކަންބޮޑުވުމަކީ ނިއުކްލިއާ ބަޑި ގުދަން ހަރުކަށި ފިކުރުގެ މީހުންގެ އަތްމައްޗަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުމެވެ. ނަމަވެސް، ޕާކސްތާންގެ ނިއުކްލިއާ އާސަނަލް ހިމާޔަތްކޮށް ދިފާއު ކުރުމުގެ ގާބިލްކަން ސެކިއުރިޓީ އާކިޓެކްޗާގެ ނަޒަރަކުން ބަލާއިރު ޕާކިސްތާންގައި ހުރި ކަން އެމެރިކާއަށްވެސް އެނގެއެވެ.
ވޮޝިންޓަންގައި ހުންނަ ކާނޭޖީ ނިއުކްލިއާ ޕޮލިސީ ޕްރޮގްރާމްގެ ކޯ ޑިރެކްޓަރު ޓޯބީ ޑާލްޓަން ވެސް މި ވިސްނުން ހިއްސާކުރައްވައެވެ. މި މައްސަލައާ ގުޅޭ ގޮތުން ޓްވިޓާގައި ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ ޕާކިސްތާނުން ނިއުކްލިއާ ސެކިއުރިޓީގެ ރަނގަޅު އުސޫލުތައް ގެންގުޅޭ ކަމަށާއި ނަމަވެސް ގައުމެއްގެ ގޮތުގައި އަދިވެސް ޕާކިސްތާންގައި ރައްކާތެރިކަން ނެތް ކަމަށެވެ.
ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ތަހުރީކޭ ތާލިބާނޭ ޕާކިސްތާން (ޓީޓީޕީ) އަލުން އުފެދުމާއި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން މިދިޔަ ދިހަ އަހަރުގައި އޮތް ބިރުވެރިކަން އަލުން ޕާކިސްތާނަށް އަނބުރާ ގެނެސްދިނުމަކީ ބިރެކެވެ.