މީގެ އެއް ދުވަސް ކުރިން ފެށިފައިވާ ތެހެރާންގެ މުޒާހަރާތަކާ އެކު އެވިން ޖަލުގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގައިދީއަކު މަރުވެ 61 މީހުން ޒަހަމްވެފައިވާ ކަމަށް އީރާނުން ބުނެއެވެ. ދައުލަތުގެ ޓީވީން ދައްކާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޖަލުގައި ހަމަޖެހުން އަނބުރާ ގެނެވިފައިވާ ކަމަށް ބެލެވެ އެވެ.

މި މުޒާހަރާތަކަކީ 1979 ވަނަ އަހަރުގެ އިންގިލާބަށްފަހު އީރާންގެ މުއްލާ ލީޑަޝިޕަށް ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު ހަމަނުޖެހުމެވެ. ޒުވާން އަންހެނުން ވަނީ އެމީހުންގެ ބުރުގާތައް ބާލައި އިސްތަށިގަނޑު ބުރިކުރާތަން އާންމުކޮށް ދައްކާފައެވެ. އަދި މަގުމަތީގައި މުޒާހަރާ ކުރާ އަންހެނުގެ ލަދުވެތި ގުނަވަންތަކުގައި ފުލުހުން ހިފާ މަންޒަރުވެސް މީސްމޑީއާގައި މީހުން ހިއްސާކޮށްފައި ވެއެވެ.

ޖަލު ބަލަހައްޓާ ޝަރުއީ ދާއިރާއިން ބުނީ ހޮނިހިރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި ހަތަރު މީހުންގެ ހާލު ސީރިއަސް ކަމަށާއި މަރުވި މީހުން މަރުވެފައިވަނީ ދުމުގެ ތެރެއަށް ނޭވާލައިގެން ކަމަށެވެ.

ތެހެރާންގެ ނަން މަޝްހޫރު އެވިން ޖަލުގައި އަލިފާން ރޯވީ މީގެ މަހެއްހާ ދުވަސް ކުރިން އީރާނުގެ އާންމު ތަންތާނގައި އަދަބާއި އާދަކާދައާ އެއްގޮތަށް އަމަލު ކުރޭތޯ ބަލާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވުމުން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.