ދަނޑުވެރިކަން ކުރަންބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކުން ދިގުމުއްދަތަކަށް، ބިންދީ ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭ ގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ. މިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިކަން ކުރުމުގައި މިއަދު އޮތް ދަތިކަމަކީ، ބިމުގެ ދަތިކަމާއި ފައިސާގެ ދަތިކަން ކަމަށެވެ. ޤާނޫނުތަކަށް މިއަދު ގެނެވިފައި ހުރި ބަދަލުތަކުން ލާމަރުކަޒީ ނިޒާމްގެ ދަށުން، ރަށްރަށުގެ ބިން ދޫކުރުމުގެ އިޚްތިޔާރާއި ބާރު އޮންނަނީ ކައުންސިލްތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއަހައި، ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު 2 މިލިއަން ރުފިޔާއަށް ބޮޑުކޮށްދެވިފައިވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިންނަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކޮށްދެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރައްވާ އެކިއެކި މަސައްކަތްތަކާ، ވަކިވަކި ފަރުދުންނަށް ދެ މިލިއަންރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ފެށިފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެހެން ސިނާޢަތްތަކެކޭ އެއްގޮތަށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްވެސް ކުރަން އޮތް މަސައްކަތަކީ، މިކަމުގެ ތެރެއަށް ސަރުކާރުން ނުވަދެ، އެ ދާއިރާއިން އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ މެދުވެރިއެއްގެ ރޯލު އަދާކުރުން ކަމަށެވެ.

ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ ރާއްޖޭގައި ފަސޭހައިން އުފެއްދެން ހުރި އުފެއްދުންތައް އުފައްދައި މާކެޓަށް ނެރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ރާއްޖޭގައި ހެއްދޭނެ 17 ބާވަތެއް ފާހަގަކޮށް، އެބާވަތްތައް ހައްދާ ފަރާތްތަކުގެ ހުރިހާ އުފެއްދުންތައް އެގްރޯ ކުންފުންޏަށް ގަނެ މާކެޓްކޮށްދޭނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް ދެވިފައިވާކަމަށް ވެސްް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރަންޖެހޭކަމަށް ވެސް ރަައީސް ވިދާޅުވިއެވެ.

ގައިންގަޔަށް ނާރާބަލިތައް އިތުރުވުމުގައި، ބޭނުންކުރެވޭ ކާނާ އެއީ ސަބަބަކަށް ވެދާނެކަމަށް ވެސް ރައީސް ރޭ ވިދާޅުވިއެވެ. އެހެންކަަމުން އޯގަނިކް ފަރމިންގެ ވަރަށް މުހިއްމުކަމުގައި ރައީސް ވިދާޅުވިއެވެ. ކުރިއަރާފައިވާ ޤައުމުތަކުން މިހާރު ބަދަލުވަމުން ދަނީ، އޯގަނިކް ފަރމިންއަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުންވެސް، މިކަމާ ދޭތެރޭގައި ވިސްނުން ގެންގުޅުމަކީ މުހިއްމުކަމެއް ކަމަށެވެ. އެހެން ނަމަވެސް ކުއްލިއަކަށް މުޅިން އޯގަނިކް ފަރމިންއަށް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. މިގޮތުން އެމަނިކުފާނު ވަނީ، ކުއްލިއަކަށް އޯގަނިކް ފަރމިންއަށް ބަދަލުވުމަށް ސްރީލަންކާއިން އެޅި ފިޔަވަޅާއެކު އެޤައުމުގެ އިޤުތިޞާދަށާއި ދަނޑުވެރިކަމަށް ވެގެން ދިޔަ ގޮތުން މިސާލު ނަންގަވާފައެވެ.

މިޖަލްސާގައި ވަނީ، ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 9 ފަރާތަކަށް ހަނދާނީފިލާ ދެއްވައިފައެވެ. އެފަރާތްތަކަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މީގެ އިތުރުން ޖަލްސާއަށް ފަހުގައި އޮތް، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.