މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދަނޑުވެރިކަން ކުރިމުގައި ހުރި ދަތިތަކާއި، ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއަހައި، ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު 2 މިލިއަން ރުފިޔާއަށް ބޮޑުކޮށްދެވިފައިވާކަމުގައި ވިދާޅުވިއެވެ.

މި ޖަލްސާއަށް ފަހު އެމަނިކުފާނު ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާޞަބާގައި އެރަށުގައި ބޭއްވި ޚާއްޞަ ޖާފަތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކ. އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ ދަނޑުވެރިކަމުގެ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލެއްވުމުގެ އިތުރުން ބައެއް ދަނޑުވެރިންނާއި ބައްދަލުކުރައްވައި ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވައި ކާށިދޫގެ ތަރައްޤީގެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ކާށިދޫ ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ.