ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުން، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުން އެއްވަނަ ހޯދި ސ. މީދޫ، އިހުގެކުލަ، މަރިޔަމް ޙަމްދާ ވިސްނުންހުރީ މާސްޓަރ ހިސާބުން ދޫކޮށްލާކަށް ނޫނެނެވެ. އޭނާގެ މިސްރާބު މިހާރު ހުރީ ޕީއެޗްޑީއާ ދިމާއަށެވެ. މިއީ ފަސޭހަ މަރުހަލާއަކަށް ނުވިޔަސް އެކަމަށް އޭނާ ތައްޔާރެވެ. ސިކުނޑި އެކަމަށް އެދެއެވެ. މިހާރު އޭނާ ބޭނުންވަނީ ސްކޮލަރޝިޕެއް ހޯދައިގެން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި ޕީއެޗުޑީއަށް ކިޔަވާށެވެ.

ޕީއެޗުޑީއަށްފަހު އޭނާ ބޭނުންވަނީ ގައުމަށް ރަނގަޅު ޚިދުމަތެއް ކޮށްދޭށެވެ. ޕީއެޗުޑީ ހަދާނޭ ވަކި ދާއިރާއެއް މިހާތަނަށް އޭނާ ނިންމާފައެއް ނުވެއެވެ. އެހެނަސް ކޮންމެ ދާއިރާއަކުން ކިޔެވިޔަސް ގައުމީ ޚިދުމަތުގައި ދެމިހުރުމަކީ އޭނާގެ ވަރަށްބޮޑު މަގުސަދެކެވެ.

އުނގެނުމަށް ހަމްދާ ކުރަމުންދާ ދަތުރުގެ މާޒީއަށް ބަލާއިރު އެމާޒީ ފެންނަނީ ޢިބްރަތުން ފުރިގެންވާ މާޒީއެއްގޮތުގައެވެ. އެއީ އޯލެވެލްއާއި އޭލެވެލްގައި ވެސް ކުރެވުނު ތަޖުރިބާގެ އަލީގައި ކިޔެވުމުގައި ރަނގަޅު ހަރުފަތަކަށް ދާން ހިތްވަރު ލިބުމެވެ. އެންމެ ފަހުން ގައުމީ ޔުނިވަރސިޓީން ކިޔަވަން ފެށުމާއެކު އޭނާގެ އިތުބާރުބޮޑުވިއެވެ. ކިޔެވުމަށް އިތުރަށް ހިތްޖެހުނެވެ. އޭރުވެސް މާސްޓަރ އިން އެއްވަނަ ލިބޭނޭ ކަމަށް އޭނާ އުންމީދެއް ނުކުރެއެވެ. އެކަމަކު ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރިއެވެ.

ހަމްދާގެ ކިޔެވުމުގެ ހަޔާތުގައި އޭނާގެ އެންމެބޮޑު މަދަދުގާރަކީ މަންމައެވެ. މަންމަ ދިން ހިތްވަރާއި ބެހެއްޓި ގާތްކަމެވެ. ބައްޕަ މިއަދު ދުނިޔޭގައިނެތަސް ބައްޕަ މަތީން އޭނާ ހަނދާނެއް ނުނައްތާނެއެވެ. ބައްޕައަށްފަހު މަންމަގެ މޭސްތިރިކަމުގެ ދަށުން ހަމްދާ މިހާރު އެވަނީ ކިޔެވުމުގެ މަރުހަލާގެ ބޮޑުބައެއް ކަޑައްތުކޮށްފައެވެ. އެ މަސައްކަތުގައި އޭނާގެ ޓީޗަރުންނާއި އެކީގައި ކިޔަވަން އުޅުނު ކުދީންގެ މަތީން އޭނާ ހަނދާނެއް ނުނައްތައެވެ. އެމީހުންގެ އެހީތެރިކަމާއި ދިން ހިތްވަރާއި ބެހެއްޓި ގާތްކަމަކީ ހަމްދާ ކުރިއަށްދާން ލިބުނު އިތުރު ހިތްވަރެކެވެ.

އޭނާގެ ވާހަކައަކީ މިއީއެވެ. ކިޔެވުމަށް ވަކިއުމުރެއް ވަކިވަގުތެއް ނޯންނާނެއެވެ. އަބަދުވެސް ކިޔަވަންް އިސްކަންދޭން އޭނާ ނަސޭހަތްތެރިވެއެވެ. އަމިއްލަ ނަފުސު ތަރައްގީވެ ކުރިއަށްދާނީ ލިބިފައިވާ އިލްމަކާއި އޭގެ ބޭނުން ކުރާ މިންވަރެއްގެ މައްޗަށް ކަމަށް އޭނާ ބުންޏެވެ. އިލްމީ ޤާބިލުކަމުގެ އިތުރުން ފަންނުވެރިކަމާއި ހުނަރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްވެސް އޭނާ ނަސޭހަތްތެރިވެއެވެ. ހަމްދާއަށް އުފާވެރިކަމާއި ފާގަތި މުސްތަގުބަލެއް ހުއްޓެވެ.