އިނގެރޭސިވިލާތުގައި ހުންނަ ކެފޭއަކުން އެތަނުގެ މުވައްޒަފުންނާއި މުޢާމަލާތު ކުރާ ގޮތުން އަގުތައް ތަފާތުވެއެވެ.

ރީތިކޮށް އިޙުތިރާމާއެކު މުވައްޒަފުންނާ މުޚާތަބު ކުރާނަމަ ސައިގެ އަގުހެޔޮވެއެވެ. އަދި އަމުރުކުރާ ރާގަށް ސައި ގެންނަން ބުނާނަމަ، ސައިގެ އަގު ބޮޑުވެއެވެ.

މީސްމީޑިއާގަޔާއި މިހާރު ދައުރުވަމުންދާ އެ ކެފޭގެ ސައިގެ އަގުތައް ފެންނަ ފޮޓޯއަކަށް ވަރަށްގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. އަދި ގިނަ ބަޔަކު މިގޮތަށް ޚިދުމަތް ދިނުން ވަރަށް ކަމުދާކަމަށްވެސް ލިޔެފައި ވެއެވެ.

"ޗައިޝޮޕު" ކިޔާ މި ކެފޭއިން އިޙުތިރާމާއެކު ސަޔަށް އޯޑަރު ދިނުމުން 1.90 އިނގެރޭސި ޕައުންޑަށް ސައިތައްޓެއް ލިބެއެވެ. ނަމަވެސް ސައިގެންނަށް މުވައްޒަފުންނަށް އަމުރުގެ ރާގުގައި އޯޑަރު ދީފިނަމަ، ސައެއްގެ އަގު 5 ޕައުންޑަށް އަރައެވެ.

އިނގެރޭސިވިލާތުގައި ހުރި މި ކެފޭއަކީ އެޤައުމުގައި ދިރިއުޅޭ އިންޑިއާ މީހުނަށް ޚާއްޞަ ތަނެއްކަން، ކެފޭގެ ނަމުންދޭހަވެއެވެ.