އެއް ބަޔަކު ޤައްޛާފީ އަކީ ބަޠަލެއްގެ ގޮތުގައި ތަޢުރީފާ އެކު ފާހަގަކުރަމުން ގެންދެއެވެ. އަނެއް ބަޔަކު އޭނާ އަކީ އަމިއްލަ އެދުމުން ފުރިގެންވާ ޚުދުމުޚްތާރު ވެރިއެއްގެ ގޮތުގައި ސިފަކުރާ ޝަޚްޞެކެވެ. އެއީ ލީބިޔާގެ ވެރިކަން 42 އަހަރުވަން ދެން ކުރެއްވި ބޭފުޅެކެވެ. ލީބިޔާގެ ރަސްކަން ފޮރުޅާލުމަށް ފަހު 1969 ގައި ލީބިޔާގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅާއެވެ. 1951 އިން 1969 އާ ހަމަޔަށް ކުރަމުން ދިޔަ ރަސްކަމަކީ ހުޅަނގަށް ބޯލަނބާ، ގޮނޑިކޮއްކޮ ފަދަ ރަސްކަމެކެވެ. މި ދުވަސްވަރު ރަސްކަލެއްގެ ގޮތުގައި ހުންނެވީ އިދްރީސް ކިޔާ ބޭފުޅެކެވެ.

މި ރަސްކަމަށް ލީބިޔާގެ ރައްޔިތުން ހިތްހަމަ ނުޖެހި ނަފްރަތު އުފެދުނީ 1960 ގެ ތެރޭގައެވެ. އެއީ އިދްރީސްގެ ވެރިކަމުގައި ހުޅަނގަށް މާބޮޑާށް ބޯލެނބުމާއި، ޚިޔާނާތާއި، ނާޤާބިލްކަމުގެ ސަބަބުންނެވެ. އަދި ޢަރަބީންނާއި، އިޒްރޭލާ ދެމެދު ކުރެވުނު ހަނގުރާމައި ގައި މިޞްރަށް ލިބުނު ނާކާމިޔާބީ ވެސް މިކަމުގައި ދައުރެއް ވެއެވެ. ރައްޔިތުން މިޞްރަށް ހަމްދަރުދީ ވިއެވެ. ނަމަވެސް ރަސްކަމުގެ ކޮއެލުން ތާއީދުކުރަމުން ގެންދިޔައީ ހުޅަނގަށެވެ.

މި ރަސްކަމަށް ލީބިޔާގެ ރައްޔިތުން ހިތްހަމަ ނުޖެހި ބަދަލަކަށް އެދިގެން އުޅެނިކޮށް 1969 ގައި ސިފައިންގެ އިންޤިލާބެއް ގެނެވުނެވެ. މި އިންޤިލާބު ގެނައުމުގައި އިސްވެ ސިފައިންގެ 12 ލީޑަރުން ތިއްބެވިއެވެ. އެ ބައި މީހުންގެ ލީޑަރަކީ ކާނަލް މުޢައްމަރުލްޤައްޛާފީ އެވެ. އެއިރު ޤައްޛާފީގެ ޢުމުރުފުޅަކީ އެއްމެ 27 އަހަރެވެ. ޤައްޛާފީ އުފަންވެ ވަޑައިގަތީ 1942 ވަނަ އަހަރު ލީބިއާގެ ސީރަތު ކިޔާ އަވަށަކަށެވެ. ފަޤީރު ނިކަމެތި، ބަދަވީ ޢާއިލާ އަކަށެވެ. އޭނާގެ ތަޢުލީމީ ޙަޔާތް ނިންމެވުމަށް ފަހު ޢަސްކަރިއްޔާ އާ ގުޅިވަޑައިގަތީ 1961 ގައެވެ.

ޢަރަބީންނާއި، އިޒްރޭލުގެ ހަނގުރާމައިގައި އަރަބީން ބަލިވި ހިސާބުން، 1967 ގައި ޤައްޛާފީ ލީބިޔާގައި އޮތް ރަސްކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވަން ފެށްޓެވިއެވެ. މިސްރުގެ އޭރުގެ ރައީސް ޖަމާލް ޢަބްދުއްނާޞިރު ބަޠަލެއްގެ ގޮތުގައި އަދި ރޯލްމޮޑެލެއްގެ ގޮތުގައި ދެކެވަޑައިގެންނެވިއެވެ. އަމިއްލަ ގައުމުގައި، ރައްޔިތުންގެ ތާއީދު ނެތި ކުރަމުން ދިޔަ ރަސްކަމާ ދެކޮޅަށް ޤައްޛާފީ ނުކުމެ ވަޑައިގެންނެވިއެވެ. އެހީތެރިންގެ ގޮތުގައި އަސްކަރިއްޔާގެ ވަރަށް ޒުވާން އޮފިސަރުންތަކެއްގެ އެއްބާރުލުމާ އެކުގައެވެ. ވެރިކަން ބަދަލުކުރެއްވުމުގެ ރޭވުންތައް ޤައްޛާފީ އެންމެ ފުރަތަމަ ފައްޓަވާފައި ވަނީ އަސްކަރީ ތަމްރީނު ހޯއްދެވި ދުވަސްވަރުއެވެ.

ރަސްކަން ބަދަލުކުރެއްވުމަށް ފަހު 1969 ން 1977 އާ ހަމައަށް ހުންނެވީ އިންޤިލާބީ ލީޑަރުގެ ގޮތުގައެވެ. އެ ދުވަސްވަރު ގެންނެވި ބަދަލުތަކާ އެކު ގްރޭޓް ސޯޝަލިސްޓް ޕީޕަލްސް ލީބިއަން ޢަރަބް ޖަމާހިރިއްޔަގެ ނަމުގައި 1977 ން 2011 ވަނަ އަހަރާ ހަމަޔަށް ޖުމްހޫރީ ވެރިކަމެއްގެ ގޮތުގައި ވެރިން ތަޢާރަފް ކުރެއްވިއެވެ. އަދި އޭނާގެ ސިޔާސީ ފިކުރު ލިޔުއްވައި މަޝްހޫރު "ގްރީން ބުކް" ޗާޕުކޮށް ނެރުއްވިއެވެ. މި ފޮތް ލީބިއާގެ ރައްޔިތުން ކިޔުން މަޖުބޫރު ކަމެއްގެ ގޮތުގައި ހެއްދެވިއެވެ. އަދި އެކުވެރި ޤައުމުތަކަށް ވެސް މި ފޮތް ފޮނުއްވައި އެ ސިޔާސަތު ތަޢާރަފް ކުރައްވަން މަސައްކަތް ކުރެއްވިއެވެ.

މި ފެހި ފޮތް ތައްޔާރުކުރައްވާފައި ވަނީ، ކޮމިއުނިޒަމާއި ކެޕިޓަލިޒަމްގެ ފިކުރާއި، އިސްލާމީ ފިކުރު މައްސުނިކޮށެވެ. މި ފޮތުގެ އިތުރުން މަޝްހޫރުކަން ލިބިލައްވާފައި ވަނީ ގޮތްބޮޑު ހެދުން އެޅުއްވުމާއި، ހަތިޔާރުއެޅި އަންހެން ކުދިން، ހަށިފާރަވެރިންނަށް ގެންގުޅުވުމުންނެވެ. އަދި އެކިއެކި ކޮންފްރެންސް ތަކަށް ވަޑައިގެން އަމިއްލަ ގޮތް ގެންގުޅުއްވުމުންނެވެ. އދ. އަށާއި، އެކިއެކި ޤައުތަކަށް ވަޑައިގެން ކޮންކްރީޓް ބިލްޑިންގ ތަކުގައި ހުންނެވުމުގެ ބަދަލުގައި ގެންދަވާ "ފޭލިގެ" އެއްގައި ހުންނަވާ ހުންނެވުން ވެސް ހިމެނެއެވެ.

ލީބިޔާގައި ވެރިކަން ކުރެއްވި 42 އަހަރުގެ ތެރޭގައި އެ ޤައުމަށް އިޖްތިމާޢީ ހަމަޖެހުމާއި، ރައްކާތެރިކަން ގެންނެވިކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަދި ތަޢުލީމާއި، އަމިއްލަ ވަންތަކަމަށް މަސައްކަތްކުރެއްވި ކަމަށެވެ. ޤައުމުގެ އިޤްތިޞާދު ރަނަގަޅު މަގަށް ގެންދެވި ކަމަށެވެ. އަދި ޤައުމުގެ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ކުރިއެރުން ގެންނެވި ކަމުގައެވެ. ނަމަވެސް ބޭރުގެ ޤައުމުތައް، ޚާއްޞަކޮށް އެމެރިކާ އާއި، ޔޫރަޕުގެ ގިނަ ޤައުމުތަކާ އެކު ގެންގުޅިއްވި ސިޔާސަތުގެ ސަބަބުން އަބަދު ވެސް ނުރައްކާތެރިކަން ކުރިމަތިވިއެވެ.

ޤައްޛާފީ އަކީ އަބަދު ވެސް އޭނާގެ ބާރާއި، ނުފޫޒު އެފްރިކާ އާއި، ޢަރަބި ދުނިޔޭގައި ގަދަކުރެއްވުމަށް މަސައްކަތްކުރެއްވި ލީޑަރެކެވެ. ޢަރަބިން ޤައްޛާފީގެ ޚިޔާލާއި، ފިކުރާ ދުރުވުމުން އެފްރިކާ ބައްރާ ދިމާއަށް އިސްކަން ދެއްވިއެވެ. އަދި އެފްރިކާގެ ޤައުމުތަކުގެ މެދުގައި މަޤްބޫލުކަން ހޯއްދެވިއެވެ. ނަމަވެސް އެމެރިކާ އާއި، ހުޅަނގުގެ ޤައުމުތަކުގެ ރުންހުން ކޮންމެވެސް ވަރަކަށް ލިބިވަޑައިގަތަސް، ޢަރަބި ޤައުތަކަށް ގެނައި ވެރިކަން ބަދަލުކުރުމުގެ ރޫޙުގައި ޤައްޛާފީގެ ވެރިކަން ވެސް ވެއްޓިގެން ދިޔައީއެވެ.

ލީބިޔާގައި ޤައްޛާފީގެ ވެރިކަމާ އިދިކޮޅަށް އެ ޤައުމުގެ ރައްޔިތުން 2011 ގެ އޮކްޓޯބަރުގައި ނިކުމެ ވެރިކަން ވައްޓާލިއެވެ. އަދި އެ އަހަރުގެ ތެރޭގައި އޭނާ އަވަހާރަ ކޮށްލެވުނެވެ. ހުޅަނގުގެ އަސްކަރީ އަދި ޖާސޫސީ އެހީއާ އެކުއެވެ. ގައްޒާފީގެ ޒަމާންވީ ވެރިކަން ވައްޓާލެވުނީ އެއްމެ ހަ މަސް ދުވަސް ތެރޭގައެވެ. އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންނެވެ. ނަމަވެސް ޤައްޛާފީ އޭގެ ކުރިން ވިދާޅުވަމުން ގެންދެވީ ކާމިޔާބު ހޯއްދަވާނެ ކަމަށެވެ. އުމުރުފުޅުން 69 އަހަރުގެ ޤައްޛާފީ ވިދާޅުވަމުން ގެންދެވީ އެންމެ ފަހު ލޭ ތިއްކާ ޖެހެން ދެން ވެސް ހަނގުރާމަ ކުރައްވާނެ ކަމުގައެވެ. މަރުވާނީ "ޝަހީދެއް"ގެ ގޮތުގައި ކަމަށެވެ.