ރާއްޖޭގެ ދަނޑުވެރިކަމުގެ ސިިނާއަތުގެ މުސްތަގުބަލެއް އެބައޮތްކަމަށް މިހާރު ކަށަވަރުން އެނގޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދަނޑުވެރީންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަަމުން ރައީސް ވިދާޅުވީ އެ ކަށަވަރުކަން އޮތްކަމުގެ ހެއްކަކީ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށްޓަކައި، ކުންފުނިތަކުން މީގެ ތެރެއަށް ވަންނަމުންދާކަން ކަމަށެވެ. ކުންފުނީތަކުން ދަނޑުވެރިކަމަށް އިންވެސްޓް ކުރަމުންދާކަމަށާއި އައު އެތައް ފަރާތްތަކެއް މަޑުމަޑުން ނަމަވެސް، ދަނޑުވެރިކަމުގެ ތެރެއަށް ވަދެ، އިންވެސްޓް ކުރަމުން ދާ ތަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިރޭ (ރޭ) ވެސް އަޅުގަނޑުމެންނަށް ފެނިގެން އެ ދިޔައީ، މި ދާއިރާއަށް ޚިދުމަތްކުރި އަދި އެހީތެރިވާ ފަރާތްތަކުގެ ތެރޭގައި އަލަށް، މި ސިނާއަތަށް ވަދެ އިންވެސްޓްކޮށް، ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތްތަކެއް. ސަރުކާރުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ، އެހެން ސިނާއަތްތަކެކޭވެސް އެއްގޮތަށް، މީގެ ތެރެއަށް ނުވަދެ، މިކަމުގައި އިންވެސްޓް ކުރަން ތިބި ފަރާތްތަކަށް ހުރި ދަތިތައް ހައްލު ކުރުން. މެދުވެރިއެއްގެ ދައުރު އަދާކުރުން،" ރައީސް ވިދާޅުވިއެވެ.

އެކަމުގެ އެންމެ ރަނގަޅު އެއް މިސާލެއް ފެންނަން އޮތީ ރާއްޖޭގެ ފަތުރުވެެރި ކަަމުގެ ސިނާއަތުން ކަމަށް ރައީސް ވިދާޅުވިއެވެ.