އަންނަ އަހަރުގެ މެދުތެރޭގައި ކާށިދޫގެ ފެނުގެ މަސައްކަތް ނިމޭނޭކަމަށާއި އެ މަސައްކަތް ނިމުމުން އެރަށުގެ މަގު ހެދުމުގެ މަސައްކަތް ފެށިގެން ދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ކާށިދޫގެ ބިންހިއްކުމަކީ ކާށިދޫގެ ރައްޔިތުންވެސް ބޭނުންވެފައިވާ ކަމެއް ކަމުގައިވާތީ، ކާށިދޫގެ އައު ބަނދަރު ހެދުމުގެ މަސައްކަތާއި އެކު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ކަމާއި ގުޅޭ ފަރާތްތަކާ އެކު މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކާށިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުުޅުގައި ވިދާޅުވީ މިއަންނަ އަހަރު ކާށިދޫ ސިއްޙީމަރުކަޒަށް އަންހެނުންނާއި ކުޑަކުދިންގެ ޑޮކްޓަރެއް ފޮނުވޭނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ ޚިދުމަތް ތަރައްޤީކުރުމަށް އިތުރު މަސައްކަތްތައް ކުރެވިގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ކާށިދޫގައި މިސަރުކާރުން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދެއެވެ. ގިނަ މަޝްރޫޢުތަކެއް ޕްލޭނިންގ މަރުޙަލާގައިވެސް ވެއެވެ. ކާށިދޫގައި ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި ކާށިދޫގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތާއި، ސިއްހީމަރުކަޒު އަޕްގްރޭޑް މަސައްކަތާއި، މައިކްރޯ ގްރިޑް ޑިސެލިނޭޝަން ޕްލާންޓްގެ މަސައްކަތް ހިމެނެއެވެ.