ފެނާއި ކަރަންޓްގެ ޚިދުމަތަށް ގޭގެ ވެރިފަރާތަށް ބިލުކުރުމުގެ ބަދަލުގައި އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ބަޔަކަށް ބިލްކުރެވޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

ކުއްޔަށް ދޫކޮށްފައިހުންނަ ތަންތަނުގެ ބިލު އެތަނެއްގެ ވެރިފަރާތަށް ފޮނުވުމުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވެއެވެ. ބައެއްފަހަރަށް ކުއްޔަށް އުޅޭމީހުން ތަންދޫކޮށްލާފައިު ދާއިރު އެތައް މަހެއްގެ ކުލި ނުދައްކާ ހުރުމުން އެބިލުތަކަށް ފައިސާދައްކަންޖެހެނީ ގޭގެ ވެރިފަރާތުންނެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ފެނާއި ކަރަންޓުފަދަ އާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ޚިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށްވީ ނަމަވެސް، އެ ޚިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުން ނޫން ނަމަ، އެ ޚިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެކަން ކުރުމަށް އުސޫލުތަކެއް ހަދަންވެސް މި އިސްލާހުގައި ލާޒިމްކޮށްފައިވެ އެވެ.

މަޖިލީހުން މިގެނައި އިސްލާހުގެ ސަބަބުން، ކުއްޔަށް ތަންތަން ދޫކޮށްފައިވާ މީހުނަށް، ޚާއްޞަކޮށް، މާލޭގައި ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ބިލު ނުދެއްކުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ތަނެއް ކުއްޔަށް ހިފާ ފަރާތުގެ ނަމުގައި ޔުޓިލިޓީ މީޓަރު ނުހުންނާތީ ސަބްސިޑީ ހޯދުމަށް ދިމާވާ ދަތިތަކަށް ވެސް މި އިސްލާހުގެ ސަބަބުން ހައްލެއް ލިބޭނެކަމަށް މެންބަރުން ވިދާޅުވި އެވެ.