އަމާޒަކީ ލ. ގަމާއި ފޮނަދޫ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލ. ގަމުގައި ތިން މަޝްރޫއެއްގެ ޚިދުމަތް ފަށްޓަވައި ދެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، އިގްތިސާދީ ހަބެއްގެ ގޮތުގައި، ގަން/ފޮނަދޫ ތަރައްގީކުރުން. އާދެ، މީގެ އިތުރުން، މި ސަރަޙައްދަކީ ލޯކަލް ޓޫރިޒަމް އެންމެ ރަނގަޅަށް ތަރައްގީ ކުރެވޭނެ އެއް ސަރަހައްދު ކަމަށްވާތީ، އެ ވިސްނުމުގައިވެސް މި އަންނަނީ ކަންތައްތަކެއް ކުރަމުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިންގެ ލުއިފަސޭހައަށްޓަކައި، ލ. މާބައިދޫގައި، އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ އިތުރުން ސަޢުދީ ފަންޑުގެ އެހީގައި، ލ. މާމެންދޫގައި ވެސް އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް، އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. "މީގެ އިތުރުންވެސް، މި އަތޮޅުގެ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އެބަހުރި،" ރައީސް ވިދާޅުވިއެވެ.