ކޮޅުމަޑުލު ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް ހުއްޓި އަަލުން ނުފެށި އެތައް އަހަރެއްވެގެން ދިއުމުން އެމައްސަލައަށް އަވަސް ޙައްލެއް ގެނެސްދެއްވުން އެދި އެމްއެންޕީގެ ފަރާތުން އެޕާޓީގެ ރައީސް މުހައްމަދު ނާޒީމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް ސިޓީ ފޮނުވައިފިއެވެ. ނާޒިމްގެ ފަރާތުން މިސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވީ މިދިޔަ ހަފްތާގައި ކަމަށ އެމްއެންޕީން ބުންޏެވެ.

ފުނައްޑޫ ފެކްޓްރީގެ މަސައްކަތް ހުއްޓުމުން ސަރުކާރުން ވަނީ 2021 ވަނަ އަހަރު އެތަން މިފްކޯގެ ދަށަށް ގެނެސް އަލުން މަސައްކަތް ފެށުމަށް ނިންމައިފައެވެ. އެކަން އެގޮތަށް ނިންމެވި ކަމަށްވިޔަސް އެކަމަށް އަހަރެއް ވެގެން ދިޔައިރު ވެސް ފެކްޓްރީގެ ވަސީލަތްތައް ގާއިމްވެފައި ނުވާތީ އަލުން އެކަން ކުރެވޭނެ ކަމާމެދު މިހާރުވަނީ ސުވާލު އުފެދެން ފަށާފައި ކަމަށް އެސިޓީގައި ބުނެފައިވެއެވެ.

އެޕާޓީގެ ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޟްވަނީ މިމައްސަލާގައި ދެފަހަރެއްގެ މަތިން، ފިޝަރީޒް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ. އެގޮތުން ޖޫން މަހު މިނިސްޓަރ ހާޒިރުކޮށް މިމައްސަލައިގައި ސުވާލުކުރެއްވުމުން ވިދާޅުވެފައިވަނީ ފުނައްޑޫގެ ބަނދަރު ތަރައްގީކުރުމާއި އައިސްޕްލާންޓް ބަހައްޓާ، އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް މިފްކޯއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް 2 މަސްދުވަސް ހޭދަވާނޭ ކަމަށެވެ. ނަމަވެސް އަނެއްކާވެސް ސެޕްޓެމްބަރ މިނިސްޓަރ ހާޒިރުކޮށް މިމައްސަލައިގައި ސުވާލުކުރެއްވުމުން ވިދާޅުވީ އަދި އެފައިސާ ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންކަމުން އެފައިސާ ލިބޭނެކަމާމެދު މިހާރު ސުވާލު އުފެދިފައިވާ ކަމުގައި ނާޒިމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެމްއެންޕީގެ ލީޑަރޝިޕުން މިދިޔަ މަހު ފުނައްޑޫ ހިމެނޭ ތ. އަތޮޅުގެ ރަށްރަށަށް ކުރި ޒިޔާރަތުގައި އެއަތޮޅުގެ ރަށްރަށުން ފުނައްޑޫ މަސް ފެކްޓްރީ ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާހަގަކޮށްފައިވާ ކަމަށް ނާޒިމްގެެ ސިޓީގައި ވިދާޅުވެފައިވެއެވެ. އެފެކްޓްރީގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ ހާލަތަކަށް ގެނައުމަށް އެމްއެންޕީން މަސައްކަތް ކޮށްދިނުމަށް ޖުމްލަ ގޮތެއްގައި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ވަނީ އެދިފައި ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި އެސަރަހައްދަކީ މަސްވެރިކަން ފިޔަވާ އެހެން އެއްވެސް ސިނާއަތެއް ނެތް ސަރަހައްދެއް ކަމަށާއި، މިފެކްޓްރީ އޮޕަރޭޝަނަށް ގެނައުމުގެ މުހިންމުކަން އެރަށްރަށުގެ މަސްވެރިންވެސް ވަނީ ފާހަގަކޮށްފައި ކަމަށް ސިތީގައި ވިދާޅުވެފައިވެއެވެ.

ފެކްޓްރީގެ މަސައްކަތް ލަސްވާތީ އަބްދުﷲ ރިޔާޟް ވަނީ އެމައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވެސް ހުށަހަޅުއްވާފައެވެ.

މި ސިޓީގައި ރައީސަށް ދަންނަވާފައިވަނީ ފުނައްޑޫގެ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ލިބި މަސައްކަތް ފެށިގެން ކަށަވަރުކަމާއެކު ކުރިއަށްދާނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށެވެ. އެކަަމަށް އަވަސް ހައްލެއް ގެެނެސްދީ ތ. އަތޮޅުގެ ރައްޔިތުންގެ ޝަކުވާތަކަށް ނިމުން ގެނެސްދެއްވުމަށް ވެސް އެސިޓޫގައި ވަނީ އެދިފައެވެ.