މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް މިރޭ އަރުވައިފިއެވެ. މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި އޭނާއަށް މި އިއްޒަތް އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ނަސީމަކީ އްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެވެ.

އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށްވާތީއެވެ. އޭގެ އިތުރުން ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރާނެކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. އަދި އެކަމަށް ވެވަޑައިގެންނެވި ޤުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ނަސީމް ކޮށްދެއްވި ޚިދުމަތްތަކަކީ، ޤައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި ޢިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ.