ޤައުމިއްޔަތާ މެދު ވިސްނައި ފިކުރު ކުރުމަކީ ކުރަންޖެހޭނޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި މިހާރު ކުރަންޖެހެނީ ކޮން ކަމެއްތޯ ވެސް ބަލަންޖެހޭނޭ ކަމަށެވެ. އޭގެ އިތުރުން ޤައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކަކީ ކޮބައިތޯ ދެނެގަންނަން ވެސް އެބަޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމީއިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހި ފަސްގަނޑާމެދު ދިވެހީންގެ ހިތުގައި ލޯބި އޮންނަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މި ފަޚުރުވެރިވާ ދިވެހި ޤައުމިއްޔަތުގެ ބުންޔާދަކީ، އިސްތިޢުމާރީ އަޅުވެތިކަމުން މިންޖުވުމަށްޓަކައި، އުތީމު ތިން ބެއިންނާއި ދެ ޙާޖީންނާއި ދަންޑެހެލުގެ ފަހަތްޕުޅުގައި، ހިތްވަރުގަދަ ދިވެހިން ކުރި މަތިވެރި ޖިހާދު. އެ ޖިހާދުގެ އާރަކީ، ވަޒަނުގެ އަހުލުވެރިން އީމާންވެގެން ތިބި އެއްކައުވަންތަކަމުގެ ޢަޤީދާއާއި، މި ފަސްގަނޑާ މެދު އެބައިމީހުންގެ ހިތުގައި އޮތް ލޯބި،" ރައީސް ވިދާޅުވިއެވެ.
އެފަދަ އެ ލޯތްބެއް ނެތްނަމަ، މިއަދު ޒިކުރާ އައުކުރާނެ ބޮޑު ތަކުރުފާނެއް ނުއުފެދުނީސް ކަމަށް ރައީސް ވިދާޅުވިއެވެ. "ޤައުމީ ދުވަހެއް ވެސް ތާރީޚުގައި ނުލިޔެވުނީސް. އަޅުގަނޑުމެން މިއަދު ވިސްނަންވީ ދިވެހި ޤައުމިއްޔަތާ ދެކޮޅަށް ދެމުންދާ ޙަމަލާތަކުން ދިފާޢުވުމަށް. އެ ޙަމަލާތަކުގެ ހަތިޔާރަކީ ކަނޑިބަޑިއާއި ސިލޭހައެއް ނޫން. އަމާޒުކުރަނީ އަޅުގަނޑުމެންގެ ޖިސްމަކަށް ނުވަތަ ފުރާނައަކަށް ވެސް ނޫން،" ރައީސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޙަމަލާތައް އަމާޒުކުރަނީ ވިސްނުމަށާއި ފިކުރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށެވެ. އެ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި ރައްޔިތުންގެ ހިތްތަކުގައި އުފައްދަންވީ ޤައުމީ ލޯބި ކަމަށާއި ޅަދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ ޙުއްބުލް ވަޠަން. ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ޤައުމު ދެކެ ތިމާ ލޯބިވާންވީ، އެ ޤައުމުން ތިމާއަށް ލިބޭ މަންފާއަކަށްޓަކައި އެކަންޏެއް ނޫން. ޤައުމު ދެކެ ލޯބިވާންވީ، އެ ބިމަކަށް ތިމާ އުފަންވީތީ، އެ ފަސްގަނޑަށް ތިމާ ނިސްބަތްވީތީ، އަދި އެ ވަޒަނެއްގައި ތިމާގެ ވަންހައާއި ނަސްލު ދެމިއޮތަތީ،" ރައީސް ވިދާޅުވިއެވެ.
ޤައުމިއްޔަތު ދިރުވުމަކީ، އެ ޤައުމެއްގެ އެންމެހައި ސިފަތަކާއި އަގުތަކަށް ލޯބިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ޤައުމެއްގެ ކީރިތިކަމާއި ހައިބަވަންތަކަން ޤަބޫލުކުރުން ކަމަށް ވެސް ވިދާޅުވިއެވެ. ޤައުމިއްޔަތުގެ އެންމެހައި ރުކުންތައް ދަމަހައްޓައި ނެގެހެއްޓުމަކީ ވެސް ގައުމުދެކެ ލޯބިވުން ކަމަށް ވިދާޅުވިއެވެ.