ހިޓްލަރު އިންތިޚާބު ކާމިޔާބު ކޮށްފިއެވެ. އޭނާ ޔަގީންކަން ދޭ ގޮތުގައި ދުނިޔެއަށް ވެރިވެގަތުމަށް ހަނގުރާމައެއް ފެށުމުގެ ނިޔަތެއް އޭނާގެ ކިބައިގައި ނެތެވެ. އަދި ޔަހޫދީން ދުނިޔެއިން ފޮހެލުމުގެ ރޭވުމެއްވެސް ނެތެވެ.
އެޑޮލްފް ހިޓްލަރަށް އިންތިޚާބު ކާމިޔާބު ކުރެވުނީ 85 ޕަސެންޓްގެ ވޯޓުންނެވެ. ދެކުނު އެފްރިކާ ސަރަހައްދުގެ ނެމީބިއާގެ ލޯކަލް ކައުލްސިލްގެ ގޮނޑިއަށް އޭނާ ހޮވިފައިވަނީ އޭނާގެ ނަމުގެ ސަބަބުންކަމަށްވެސް ލަފާ ކުރެވެއެވެ.
އެޑޮލްފް ހިޓްލަރު އުނޯނާ ބުނާ ގޮތުގައި ބައްޕަ އޭނާއަށް ނަން ދިނީ އެ ނަމުގެ ފަހަތުގައި ހުރި މީހަކާ މެދު މާބޮޑަށް ތަންދޮރު އޮޅުން ފިލައި ހުރެގެނެއް ނޫނެވެ.
އެޑޮލްފް ހިޓްލަރު އުނޯނާ ބުނާ ގޮތުގައި ޅަފަތުގައި އޭނާއަށް ޖަރުމަންގެ ޑިކްޓޭޓަރުގެ ޖަރީމާތަކާ ހެދި ގަނާކުރުމަކާ ކުރިމަތިލާކަށް ނުޖެހުނެވެ. އޭނާއަށް ހިޓްލަރުގެ ޖަރީމާތައް އިހުސާސްވީ ފުރާވަރަށް އެރިފަހުން ކަމަށް އޭނާ ބުނެއެވެ.
އުނޯނާގެ އަންހެނުން އޭނާއަށް ގޮވައި އުޅެނީ އެޑޮލްފްގެ ނަމުންނެވެ. އަދި އާންމުންގެ ތެރޭން ގިނަ މީހުން އޭނާ ދަންނަނީ އެޑޮލްފް އުނޯނާގެ ނަމުންކަމަށްވެސް ބުންޏެވެ.
ނެމީބިއާ އަކީ ކުރިން ޖަރުމަންގެ އިސްތިއުމާރުގެ ދަށުގައި އޮތް ތަނެކެވެ. މީހުންނާއި ތަންތަނާއި މަގުތަކަށް ޖަރުމަނަށް ނިސްބަތްވާ ނަންތައް ކިޔާފައި ހުރެއެވެ.
ދުނިޔޭގައި މިހާރުވެސް 1200 އެއްހާ މީހުނަށް ހިޓްލަރުގެ ނަމުން ނަންދީފައި ވެއެވެ. މިސްރުގައި މުބާރަކްގެ ވެރިކަމުގައި ދިފާއީ ވަޒީރަކަށްވެސް ހިޓްލަރު ތޮންތާވީ ނަމަކަށް ކިޔާބޭފުޅަކުވެސް ހުންނެވިއެވެ.