މިހާރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ދެވަނަ ބުރުގެ ފަހު ދެޖާގަ ދިވެހި ސިފައިންގެ ކްލަބާއި ޓީމް އެލައިޑުން ޔަގީން ކޮށްފިއެވެ.

ދެވަނަ ބުރުން ދިވެހި ސިފައިންގެ ކްލަބު ޖާގަ ހޯދީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި އެމްއެމްއޭ ސްޕޯޓްސް ކްލަބުގެ މައްޗަށް 2-6 އިން ކުރި ހޯދައިގެން ގްރޫޕް ޖީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މިމެޗުގައި ސިފައިންގެ ކްލަބު އަލީ ސިމާހް އާއި އިބްރާހިމް އަހްމަދު ދެލަނޑު ޖެހިއެވެ. އެމްއެމްއޭގެ ދެލަނޑު ކާމިޔާބު ކޮށްދިނީ އަހްމަދު ފާރިޝް އާއި އިބްރާހިމް ސައިފެވެ.

ގްރޫޕް ޖީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ އެޗްޑީސީއެވެ. އެޗްޑީސީ ވަނީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޓީއެސް އަތުން 5-2 އިން މޮޅުވެފައެވެ.

އެލައިޑުން ދެވަނަ ބުރުގެ ފަހު ޖާގަ ހޯދީ އިމިގްރޭޝަންގެ މައްޗަށް 2-0 އިން ކުރި ހޯދައި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެލައިޑަށް ލަނޑު ޖަހައިދިނީ މުހައްމަދު އިޝާމް އާއި އިިބްރާހިމް ހާމިދުއެވެ. މިގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ރޭ މުލިއާގެ އަތުން 10-0 މޮޅުވި އެސްޓީއޯއެވެ.

ދެވަނަ ބުރުގެ މެޗުތައް ކުޅުމަށް ތާވަލް ކޮށްފައި ވަނީ ދެވަނަ ބުރަށް ދަތުރު ކުރި 16 ޓީމުގެ މެދުގައި ގުރު ނަގައިގެންނެވެ. ގުރު ނެގުން އޮންނާނީ މިއަދު 17:00 ގައެވެ.