އާންމު އަޚުލާގު ހިފެހެއްޓުމަށްޓަކައި ކިތަންމެ ކުޑަ ކަމެއްވެސް ގިނަ ބަޔަކު ކުރަންފަށައިފިއްޔާ އެކަމުގެ ހެޔޮ ފައިދާ މުޅި މުޖުތަމައަށް ކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ރަށްޓެހިންގެ ފަރާތުން ވެސް ރަނގަޅު އާދަކާދަތަކާއި ސިފަތައް ދަސްކުރަންޖެހޭ ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ހެނދުނު ތާޖުއްދީން ސްކޫލްގައި ބޭއްވި "ދަ ލީޑަރ އިން މީ" ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 9 -12 އާ ދޭތެރޭ ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީއިން އެ ކުދިންގެ މެދުގައި ދިރިޅުމުގެ ރަނގަޅު އަޚްލާޤާއި ސިފަތައް އަށަގެންނެވުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ޙަރަކާތެކެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ދިރިއުޅުމުގައި ކިތަންމެ ކުރިޔަށްދިޔަ ކަމުގައިވިޔަސް މިފަދަ ސިފަތައް ކުރިޔަށް ނެރުމަކީ މުހިންމުކަމެއް ކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ ޒުވާނުން އެ ގައުމެއްގެ ތަރައްޤީއަށް ބޭނުންވާ މިންވަރު މިހާރުވެސް ހާމަވަމުންދާ ކަމަށެވެ. އެހެން ކަމުން އަދުގެ ކުދީން ތައްޔާރުވާންވީ ގައުމުދެކެ ލޯބިވާ، ގައުމަށް ޚިދުމަތްތަކެއް ކޮށްދެވޭނެ ގައުމީ ތަރައްގީގައި ބައިވެރިވެވޭނެ ފަދަ ކުދިބަޔަކަށް ވުމަށް ކަމަށެވެ.

ސްކޫލް ޢުމުރުފުރައަކީ ކުދިންގެ ގައިގައި ރަނގަޅު ސިފަތަކާއި، އާދަތައް އަދި ރަނގަޅު އަޚްލާޤު އަށަގެންނެވުމަށްޓަކައި އެންމެ ރަނގަޅު ޢުމުރުފުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސްކޫލް ދައުރު އެއީ ކަންކަން ދެނެގަނެ ކަންކަން ދަސްކޮށް މުޖުތަމަޢުގައި އެ ކުދިންނަކީ މުހިންމު ބޭނުންތެރި ބައެއްގެ ގޮތުގައި ވުމަށްޓަކައި ބޭނުންވާ ސިފަތައް އަށަގެންނެވުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތަކީ ސްކޫލް ދައުރު ކަމަށް ވެސް ވިދާޅުވިއެވެ. މިގޮތުން އެމަނިކުފާނު ވަނީ ކުދިންގެ ގައިގައި ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށް މުހިންމުކަން ހާމަކުރައްވައި މިއަދު ކުދިން ގަދައަޅާ މަސައްކަތްކުރަންވީ މާދަމާ ލީޑަރުންނަށްވުމަށްޓަކައި ކުރަންވީ މަސައްކަތްތައް ކުރުމަށްކަމުގައި ވިދާޅުވިއެވެ.