ފްރާންސް ގައުމީ ޓީމާއި ބަޔާން މިޔުނިކުގެ ކުރީގެ ތަރި ފްރޭންކް ރިބެރީ (ބިލާލް ޔޫސުފް) ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއްޔެ އިއުލާން ކޮށްފިއެވެ.

ކުޅުން ހުއްޓާލިކަން އިއުލާން ކުރުމަށް ކުރި ޓްވީޓިގައި ރިބެރީ ބުނީ "ހިތް އޮތީ ފުޓްބޯޅައާއެކު" ކަމަށެވެ. ރިބެރީ ކުޅުން ހުއްޓާލަން ޖެހުނީ ކަކުލަށް ލިބެމުން އަންނަ އަނިޔާއިން ސަލާމަތް ނުވެ އަނިޔާ ދިގުލައިގެންދާތީއެވެ.

ރިބެރީ،39، ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު އެންމެފަހުން ކުޅުނީ އިޓަލީގެ ސެލެރްނިޓާނާއަށެވެ. އޭގެ ކުރިން ދެސީޒަނުގައި ކުޅުނީ ފިއޮރެންޓީނާ އަށެވެ. ފިއޮރެންޓީނާއަށް 2019 ވަަނ އަހަރު ބަދަލު ވުމުގެ ކުރިން ބަޔާން މިޔުނިކުގައި ކާމިޔާބު އެގާރަ ސީޒަން އޭނާ ހޭދަކުރިއެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ 2013 ވަނަ އަހަރު ރިބެރީ ދެއްކި މޮޅު ކުޅުމާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި އުއެފާ ސްޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް އަދި ޖަރުމަން ލީގް ބަޔާން މިޔުނިކުން ކާމިޔާބު ކުރި ސީޒަނެވެ. މިކާމިޔާބީތަކާއެކު ރިބެރީއަށް 2013 ވަނަ އަހަރު ބެލޮންޑިއޯ ލިބޭނެކަމަށް ބެލެވުނެވެ. އެކަމަކު ބެލޮންޑިއޯ ހޮވުމަށް ނެގި ވޯޓުގައި އޭނާއަށް ލިބުނީ 3 ވަނައެވެ. ބެލޮންޑިއޯ ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.

ބަޔާން މިޔުނިކާއެކު ރިބެރީ، ޖަރުމަން ލީގް 9 ފަހަރު، ޖަރުމަން ކަޕް 4 ފަހަރު ހޯދިއެވެ.

ރިބެރީއަކީ 2006 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަަމައަށް ފްރާންސް ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ފްރާންސް ދަތުރު ކުރުމުގައި އޭނާގެ ހިއްސާ ބޮޑެވެ. އެކަމަކު 2014 ވަނަ އަހަރު ވޯލްޑް ކަޕުގެ ކުރިން ދިމާވީ އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕް ސްކޮޑުންް އޭނާ ބާކީ ކުރީއެވެ. އޭގެ ކުޑަ ދުވަސް ކޮޅެއްފަހުން ރިބެރީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ.

ފުޓްބޯޅަ ދަނޑުތަކުގައި ރިބެރީގެ ނަމުން މުހާތަބު ކުރިނަމަވެސް، ކްރިސްޓިއަންދީން ދޫކޮށް 2002 ވަނަ އަހަރު ރިބެރީ ވަނީ އިސްލާމްދީން ގަބޫލްކޮށް އޭނާގެ ނަން ބިލާލް ޔޫސުފުގެ ނަމަށް ނަން ބަދަލު ކޮށްފައެވެ. އިސްލާމް ދީނުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިއަށްވުރެ މާބޮޑަށް ވަރުގަދަ މީހަކަށްވި ކަމަށް ރިބެރީ އެކިއެކި އިންޓަވިއުތަކުގައި ބުނެފައިވެއެވެ. އިސްލާމްވި ފަހުން، ރިބެރީ ކުޅުނު ކޮންމެ ޓީމެއްގައި ޤުރުއާން ކިޔެވުމަށާއި ނަމާދު ކުރުމަށް އޭނާއަށް ހާއްސަކޮށް ހާއްސަ ކޮޓަރިއެއް ހުރެއެވެ.