ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ އެ މަސައްކަތަށްފަހު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައި އެމަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށެވެ. އެ ސައިޓުގަައި މިހާރު ކުރިޔަށްދަނީ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.