ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ބައދަލުވުން ނިންމާ ޖަލްސާއިން ޗައިނާގެ ކުރީގެ ރައީސް ހޫ ޖިންޓާއޯ ބޭރުކޮށްލައިފިއެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް ސީނިއާ ލީޑަރު ބޭރުކޮށްލާފައި ވަނީ ކިހިލި ޖަހައިގެންނެވެ.

މިހާރުގެ ރައީސް ޝީ ޖިންޕިންގެ ކުރިން ހުންނެވި އުމުރުފުޅުން 79 އަހަރުގެ ހޫ އިށީނދެވަޑައިގެން އިންނެވީ ޝީގެ ކަނާތް ފަރާތްޕުޅުގައެވެ. އޭނާ ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގެ މައި އޮޑިޓޯރިއަމްގެ ސްޓޭޖުން ފައިބައިގެންނެވީ އެހޯލަށް މީޑިއާ ވެއްދިތާ އިރުކޮޅެއްގެ ތެރޭގައި ދެ މީހަކު އައިސްގެންނެވެ.

މީޑިއާ ފުޓޭޖުތަކުން ފެންނަ ގޮތުގައި މީހަކު އައިސް ހޫ ގޮނޑިން ނަގަން މަސައްކަތް ކުރަމުން ދިޔައިރު، ކައިރީގައި އިށީނދެގެން ތިބި އޮފިޝަލުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފެނުނެވެ. އަދި ހޫވެސް ތެދުވެވަޑައިގަތުމަށް ދެކޮޅު ހެއްދެވިއެވެ.

އަދި ފެނުނު ގޮތުގައި ހޫ މަސައްކަތް ކުރެއްވީ ޝީގެ ފައިލްގައި ހުރި ކރުދާސްތަކެއް ނަންގަވާށެވެ. ނަމަވެސް ޝީ އެ ކަރުދާސްތައް މަތީގައި އަވަސްއަވަހަށް އަތް އެޅުއްވިއެވެ.

ހޫގެ ވާތްފަރާތްޕުޅުގައި އިށީނދެގެން އިންނެވީ ޗައިނާގެ އެންމެ މަތީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ލީ ޒާންޝޫ އެވެ.

ހޫ ނިކުމެ ވަޑައިގަތުމުގެ ކުރިން ޝީއާ މުޚާތަބު ކުރައްވައި އެއްޗެއް ވިދާޅުވިއެވެ. އަދި ނިކުންނެވުމުގެ ކުރިން ޝީގެ ވާތްފަރާތުގައި އިށީނދެވަޑައިގެން އިންނެވި ބޮޑު ވަޒީރުލީ ކެޝިއަންގްގެ ކޮނޑުގައި ފިރުމާލެއްވިއެވެ.

ޗައިނާގެ މުހިންމު ޖަލްސާތަކަކާއި ބައްދަލުވުންތަކަކީ މޮޅަށް ރޭވިގެން ދާ ބައްދަލުވުންތަކެވެ. ނަމަވެސް މިފަދަ ގިނަ އިވެންޓްތަކުގެ ސްޓޭޖް މެނޭޖްމަންޓަށް ބަލާއިރު މިހާދިސާއަކީ ވަރަށް އާދަޔާ ހިލާފު ހާދިސާއެކެވެ.

މި ހާދިސާގެ ވީޑިއޯ ޓްވިޓާގައި ގިނައިން ހިއްސާކުރި ނަމަވެސް ޗައިނާގައި ވެއިބޯގައި ވަނީ ވަރަށް ބޮޑަށް ސެންސަރު ކުރެވިފައެވެ.

އަދި ޗައިނާގެ ސެންސަރު ކުރާ ފަރާތްތަކުން ވަނީ ހޫ ޖިންޓާއޯއާ ބެހޭ އެއްވެސް ތާޒާ މައުލޫމާތެއް ހިމެނެނީނަމަ އެ މައުލޫމާތެއް ސެންސަރު ކޮށފައެވެ. ހޮނިހިރު ދުވަހުގެ ހަވީރުގެ ނިޔަލަށް ހޫގެ ނަން ހިމެނޭ ގާތްގަނޑަކަށް ހުރިހާ ވެއިބޯ ޕޯސްޓެއްގެ ކޮމެންޓް ސެކްޝަން ވެސް ސެންސަރުކޮށްފައިވާ ކަމަށް ރޮއިޓާސްގެ ރިވިއުއަކުން ދައްކާ ކަމަށް ބުނެފައިވެއެވެ.