މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފި އެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން މި މަހު 22 ވަނަ ދުވަހު އއ އުކުޅަހުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އުކުޅަހު ޕޮލިސް ޕޯސްޓުން ހިންގި އެ އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު އެ ރަށު ބަނދަރުމަތިން ހައްޔަރުކޮށް ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައި ވާކަމަށް ފުލުން ބުންޏެވެ.

އޭގެ އިތުުރުން، މި މަހު 20 ވަނަ ދުވަހު އުކުޅަހުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އުކުޅަހަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އުކުޅަހު ޕޮލިސް ޕޯސްޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 60 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތުދީފައިވެއެވެ.

އަދި އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނަކީ ހިތަދޫއިން މަރަދުއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ގަން ޕޮލިސް ސްޓޭޝަނުން މި މަހު 20 ވަނަ ދުވަހު ހިންގި އެއޮޕަރޭޝަނުގައި 44 މީހަކު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުސް އޮފީހުން ބުންޏެވެ.

މިހާރު މި މައްސަލަތައް ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.