ދުނިޔޭގެ ހުރިހައި ކަމާ ބެހި ނުހޮރޮއްޕާން ކުރަމުންދާ ކަމަށް ބުނެ އެލޮން މަސްކުގެ ފިޔަ ކޮށާލަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވަނީ މަހާސާދާގަރު އެލޮން މަސްކަށް ލިބިފައިވާ ނުފޫޒާ މެދު ކަންބޮޑުވުން ފާޅުކޮށް، ވާދަވެރިންނަށް ފައިނޭންސްކޮށްގެން ވޮޝިންޓަންގައި އޭނާގެ ނުފޫޒު ހަނިކުރުމަށް މަސައްކަތް ފަށާފައި ކަމަށް ދަ ވޮޝިންޓަން ޕޯސްޓުގައި ނެރުނު ރިޕޯޓެއްގައި ބުނެއެވެ.
ފާއިތުވި 20 އަހަރުގައި އެމެރިކާ ސަރުކާރުން ބިލިއަނުން ޑޮލަރު ދީގެން ވިޔަފާރި ކޮންޓްރެކްޓްތައް ހަވާލު ކުރުމުން އެލޮން މަސްކްގެ ސައިންޓިފިކް އަދި ވިޔަފާރީގެ މަޝްރޫއުތައް ކާމިޔާބުވެ އޭނާ ވަނީ މަހާސާދާގަރަކަށ ވެފައެވެ.
ވައިޓް ހައުސްގެ އެއް އޮފިޝަލަކު އެ ނޫހަށް ވިދާޅުވި ފަދައިން މަސްކަކީ ހުރިހައި ތަނެއްގައި ފެންނަން ހުރި ހުރިހައި ކަމަކަށް ބަސްކިޔާ މީހެކެވެ. އޭނާ ހީކުރަނީ "އޭނާއަކީ އިންސާނިއްޔަތަށް ކަލާނގެ ދެއްވާފައިވާ ހަދިޔާއް" ކަމަށް ކަމަށް މަސްއޫލުވެރިއާ ވިދާޅުވިއެވެ.
ފާއިތުވި އަހަރެއްހާ ދުވަހު މާސްކް އާއި ރައީސް ޖޯ ބައިޑަންއާ ދެމެދު އެކިކަންކަމުގައި ޚިޔާލު ތަފާތު ވެފައި ވެއެވެ.
މާސްކް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އާއި ބޭރުގެ އެހެން ލީޑަރުންނާ އާންމުކޮށް ބައްދަލުކޮށް މަސްލަހަތު ފުށުއެރުންތަކާ މެދު ސުވާލު އުފައްދާފަ އެވެ.
ސިޔާސަތު އެކުލަވާލާ ފަރާތަށް އުދަނގުލަކަށް ވާގޮތަށް މަސްކު ވަނީ ޓައިވާނުން ފެށިގެން ޔުކްރެއިންގެ މައްސަލަތަކާ މެދުވެސް ޚިޔާލު ފާޅުކޮށް ހަދާފައެވެ.
އެމެރިކާ ސަރުކާރުން ބުނާ ގޮތުން މަސްކުގެ ވިޔަފާރީގެ ގުޅުންތައް ގިނަވުމުން ގައުމީ ސަލާމަތާ މެދު ކަންބޮޑުވާ ކަމަށެވެ.
އޮކްޓޯބަރު 21 ވީ ހުކުރު ދުވަހު ބްލޫމްބާގުގައި ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން ބައިޑަންގެ ސަރުކާރުން ދަނީ ޓްވިޓާ ގަތުމަށް މަސްކް 44 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި އިންވެސްޓް ކުރުމުގައި ބޭރުގެ ފަރާތަކުން ފައިސާ ހޯދި މައްސަލައެއް ތަހުގީގު ކުރުމަށް ވިސްނަމުންނެވެ. އެ ބޭރުގެ ވިޔަފާރިވެރިއަކީ ސައޫދީ ބިލިއެނަރ ތޮލާލް ބިން އަބްދުލްއަޒީޒެވެ. އޭގެ އިތުރުން މަސްކުގެ ސެޓެލައިޓް ވިއުގަ ސްޓާލިންކް އިންޓަނެޓް ނެޓްވޯކްގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ މައްސަލައެއް ބަލަން ޖެހިދާނެ ކަމަށްވެސް ބްލޫމްބާގާއި ވާހަކަ ދެއްކި ނަން ނުޖެހުމަށް އެދުނު މަސްދަރުތަކުން ބުނެއެވެ.