ސޫދާންގައި އުމުރުން 20 އަހަރުގެ ޒުވާން އަންހެނަކު ރަޖަމު ކުރުމަށް ޙުކުމް ކުރުމާ ގުޅިގެން އޭނާގެ ވަކީލު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
އަމަލް ރަޖަމު ކުރުމަށް ޙުކުމް ކުރިނަމަވެސް މިދިޔަ 10 އަހަރުގެ ތެރޭގައި އެއްވެސް އަންހެނަކު ރަޖަމު ކޮށްފައެއް ނުވެއެވެ.
އަމަލް ރަޖަމު ކުރުމަށް ޙުކުމް ކުރުމާ ގުޅިގެން ސޫދާނުގެ މީސްމީޑިއާގައި އެޙުކުމާ މެދު މީހުން ބަހުސް ކުރަން ފަށާފައި ވެއެވެ.
އަމަލްގެ މައްޗަށް ޒިނޭގެ ދައުވާ ސާބިތުކޮށް ނީލުލް އަބްޔަޟް ސްޓޭޓްގެ ކޮސްޓީ ގެ ކްރިމިނަލް ކޯޓުން ހުކުމް ކުރީ 26 ޖޫން ގައެވެ. ސޫދާންގެ 1991ގެ ގާނޫނުލްއުގޫބާރުގެ 146 ވަނަ މާއްދާގެ ދަށުން އޭނާ ރަޖަމް ކުރުމަށް ހުކުމް ކުރިއެވެ.
މި މައްސަލަ މީހުންގެ މަދުގައި ބަހުސަކަށް ވެގެން ސަމާލުކަމަށް އައީ އަމަލްގެ މައްސަލ ސުޕްރީމް ކޯޓުގައި އސްތިއުނާފް ކުރުމުން ބަލައިގަތުމަށް ހުއްދަ ނުދިނުމުންނެވެ.
މިމައސަލައާ ގުޅިގެން އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް (އެފްއައިޑީއެޗް) އިން ވަނީ އަމަލް ރަޖަމް ކުރުން ހުއްޓުވުމަށް އެދި އޮންލައިންކޮށް ޕެޓިޝަނެއް ނެރެފައެވެ.
އެފްއައިޑީއެޗްއިން ބުނީ މި ޙުކުމް ކުރުމުގައި ގާނޫނީ އުސޫލުތަކަކށް ރިއާޔަތް ކޮށްފައި ނުވާ ކަމަށާއި މި ޖިނާއީ މައްސަލަ ބަލާފައި ވަނީ ފުލުހުންގެ ތަހުގީގެއް ނެތި ކަމަށެވެ.
އަދި 1991 ވަނަ އަހަރުގެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ (3) ގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލަކު ތަމްސީލު ކުރުމަށްވެސް ކޯޓުން ހުރަސްއެޅި ކަމަށެވެ. ގާނޫނުގެ އެމާއްދާގައި ބުނެފައި ވަނީ އެއްވެސް މުއްތަހަމަކަށް 10 އަހަރުގެ ހުކުމެއް އަންނަނީނަމަ، ނުވަތަ އަތް ނުވަތަ ގުނަވަނެއް ބުރިކުރަނީނަމަ، ނުވަތަ މަރުގެ ނިޔާއެއް އިއްވަނީނަމަ، އެ ދައުވާއެއްގައި ގާނޫނީވަކީލަކު ތަމްސީލު ކުރުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަމަލްއަށް ގާނޫނީ ވަކީލަކު އައްޔަން ކޮށްދީފައެއް ނުވެއެވެ.
ސޫދާނުގައި އިސްލާމީ ޝަރީއާ ތަންފީޒު ކުރުމުގައި ރަޖަމްގެ ޙުކުމް ގިނަ ފަހަރަށް އައިސްފައިވަނީ އަންހެނުންނާ ދެކޮޅަށެވެ. ޒިނޭކުރުމުގައި ބައިވެރިވާ ފިރިހެނާ އެކަމުން މިންޖުވެދެއެވެ.
ސޫދާންގެ ގާނޫނީ ވަކީލުން ބުނަނީ، ހަމައެކަނި ރަޖަމު ކުރެވެނީ އަންހެނުން ކަމަށް ވެފައި ފިރހެނުން ސަލާމަތް ވުމުން ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ގެއްލިފައިވާ ކަން ސާބިތުޥާ ކަމަށެވެ.