ނަފްރަތު އުފެދޭފަދަ ވާހަކަތައް ދެއްކުމަކީ ކުށެއް ކަމަށާއި އެކަމުގެ ޝަކުވާ އެއްވެސް ފަރާތަކުން ނުކުރިނަމަވެސް ކޯޓުތަކުން އިސްވެ އެމައްސަލަތައް ބަލަންވާނެ ކަމަށް އިންޑިއާ ސުޕްރީމް ކޯޓުން ނިންމައިފިއެވެ. އަދި އެފަދަ މައްސަލައެއް ނުބަލައި ދޫކޮށްލުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައި ވެއެވެ.

އިންޑއާ ސުޕްރީމް ކޯޓުން އެ ގޮތަށް ހުކުމް ކޮށްފައި ވަނީ ތިން ސްޓޭޓަކާ ގުޅޭ މައްސަލަތަކެއް ގައެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ އިންޑިއާއަކީ ސެކިއުލަރ ގައުމެއް ކަމަށާއި ނަފްރަތު އުފެދޭ ޒާތުގެ ވާހަކަތަކާއި ތަގުރީރުތައް ދައްކާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ރަސްމީ ޝަކުވާއެއް ކޯޓަށް ލިބެންދެން މަޑުނުކޮށް ނަފްރަތުގެ ވާހަކަ ދެއްކާ ކުށްވެރިންގެ މައްޗަށް ޖިނާއީ މައްސަލަތައް އަވަހަށް ހިންގުމަށްވެސް ކޯޓުން އެދިފައިވެ އެވެ.

ދިއްލީ، އުއްތަރު ޕްރަދޭޝް، އަދި އުތުރާކާންދުގެ ސަރުކާރުތަކަށް ސުޕްރީމް ކޯޓުން އަންގާފައި ވަނީ ނަފްރަތު އުފެދޭ ވާހަކަތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނީ 21 ވަނަ ގަރުނުގައި އިންޑިއާގައި "ނަފްރަތުގެ މޫސުމެއް އާލާވެފައި އޮތް" ކަމަށާއި، ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ނަފްރަތުގެ ވާހަކަ ދައްކާ މީހުންނާ ދެކޮޅަށް މައްސަލަތައް ވަގުތުން ބެލުމަށާއި އަދި ކޯޓުތަކުން ސުއޯ މޮޓޫ ކޮށް މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.

މި ޙުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަތީ ކޭ. ޖޯސެފް އާއި ހަރިޝިކޭޝް ރޯއީ އެވެ.

އަދި އެފަދަ އަމަލެއް ހިންގައިގެން ސަރުކާރުން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ލަސްވުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމެއް ކަމަށާއި އެއީ "ވަރަށް ސީރިއަސް މައްސަލައެއް" ކަމަށް ސުޕްރީމް ކޯޓުން ވަނީ އިންޒާރު ދީފަ އެވެ.

"ގާނޫނުއަސާސީގައި އިންޑިއާއަކީ ސެކިއުލަރ ގައުމެއް ކަމަށާއި ރައްޔިތުންގެ މެދުގައި އުޚުއްވަތްތެރިކަން ތަޞައްވުރުކޮށް، ފަރުދުންގެ ކަރާމާތް ކަށަވަރުކޮށްދީފައިވެއެވެ. ގައުމުގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަމަކީ އެ މުޤައްދަސް ލިޔުމުގައި ބަޔާންކޮށްފައިވާ މަގުދައްކާ އުސޫލެކެވެ." ސުޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައި ވެއެވެ.

"އެކި ދީންތަކުގެ މެންބަރުންނަށް އެއްބައިވަންތަކަމާއެކު ނުއުޅެވޭހާ ހިނދަކު ގައުމީ އުޚުއްވަތްތެރިކަމެއް ނުބޭއްވޭނެއެވެ. އަސާސީ ހައްގުތައް ހިމާޔަތްކުރުމަކީ ވާޖިބެއް ކަމަށާއި ހަމައެހެންމެ ގާނޫނުގެ ވެރިކަން ދެމެހެއްޓޭ ތަނެއްގައި ގާނޫނުއަސާސީ ހިމާޔަތްކޮށް ދިނުމުގެ ވާޖިބެއް އޮތްކަމަށްވެސް ދެކެމެވެ." މަތީ ކޯޓުން ބުންޏެވެ.