ޕާކިސްތާނުގައި މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން ދޭ ހަމަލާތައް އިތުރުވަމުންދާތީ އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ތޯމަސް ވެސްޓް ކަންބޮޑުވުން ފާޅުކުރައްވައެވެ.

"މަނާކޮށްފައިވާ ޓީޓީޕީން އިސްކޮށް ހުރެގެން ދޭ ހަމަލާތައް [އިތުރުވުން] އެއީ ޕާކިސްތާނުން ކުރިމަތިލާން ޖެހިފައިވާ ގޮން ޖެހުމެއް ކަމުގައި އޭނާ ވިދާޅުވެއެވެ.

އަފްޣާނިސްތާނުގެ ތާލިބާނުންނާއެކު އެމެރިކާ އޮތް ގުޅުމާ ގުޅޭ ގޮތުން ވެސްޓް ވިދާޅުވީ އެމެރިކާއާއި ތާލިބާނުންނާ ދެމެދު އެއްވެސް މާނަ ހުރި ޕާޓްނަޝިޕެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މަރާލާފައިވާ އަލްޤައިދާގެ ވެރިޔާ އައިމަން އަލްޒަވާހިރީއަށް ތާލިބާނުން ހިމާޔަތް ދިނުމަކީ ދޯހާ އެއްބަސްވުމާ ސާފުކޮށް ޚިލާފު އަމަލެކެވެ.

ޓީޓީޕީ އިސްވެ އޮވެގެން ހިންގާ އަނިޔާވެރިކަމާ ގުޅޭ އަމަލުތަކަށް އިންޒާރު ދީފައިވަނީ ފާއިތުވި މަސްތަކުގައި ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެ އިސްލާމްއާބާދާއި ރާވަލްޕިންދީގައި ވެސް ނުރައްކާތައް އިތުރު ވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު އަފްޣާނިސްތާން ތާލިބާނުން ހިފުމާއެކު އެގައުމުގެ ހުޅަނގު އުތުރު ސަރަހައްދުގައި ތަހްރީކޭ ތާލިބާން ޕާކިސްތާނުގެ މީހުންގެ ހަރަކާތްތައް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.