ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްގީ ކުރުމަށް ސަރުކާރުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ލ. އަތޮޅު ސަރަހައްދުގެ މަރުކަޒު އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ އެމަރުކަޒު އެޅުމަށް ހަމަޖެހިފައިވަނީ ލ. ފޮނަދޫގައި ކަމަށެވެ. މި މަރުކަޒު އެސަރަހައްދުގައި ގާއިމް ކުރުމުން ދަނޑުވެރިންނަށް އެތައް ގޮތަކުން ލުއިފަސޭކަން ލިބިގެންދާނެއެވެ.

ރައީސް ވިދާޅުވެފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަން ތަރައްގީ ކުރުމަށް އަންނައަހަރުގެ ބަޖެޓުގައި ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ރައީސް ވިދާޅުވީ އޭގެ އިތުރުން މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ މަރުޙަލާ ފުރިހަމަކުރާ ޒުވާނުންނަށް، ދިރިއުޅުމުގެ ހުނަރާއި، ތަޢުލީމާއި، ތަރުބިއްޔަތުގެ ޕްރޮގްރާމްތަކެއް ހިންގާނެ މަރުކަޒެއް، ލ. އަތޮޅު ކަޅައިދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މަރުކަޒަށް ގެންނަ ޒުވާނުންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތަކާއި ވަސީލަތްތައްވެސް އެތަނުގައި ޤާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ސަރުކާރުގެ ވިސްނުމަކީ، އެމަރުކަޒުގެ ޕްރޮގްރާމްތައް ފުރިހަމަކުރާ ޒުވާނުންނަށް، އިތުރު ތަޖުރިބާ ހޯދުމުގެ ފުރުސަތުތަކާއި، އާމްދަނީ ހޯދުމުގެ އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން،" ކަމަށް ރައީސް ވިދާޅުވިއެވެ.