އިންޑިއާގެ އެންޓި ޓްރަސްޓް ވޮޗްޑޯގު، ގޫގުލް 160 މިލިއަނަށް ވުރެ ގިނަ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ. އިންޑިއާގައި އުފައްދާފައިވާ ލޯކަލް ސްމާޓް ފޯނު މާކެޓުގައި ގޫގްލްއަށް އިސް ދައުރެއް ނަހަމަ ގޮތުގައި ލިބޭ ގޮތަށް ގޫގްލްއިން ކަންކޮށްފައިވާ ކަން ސާބިތުވާކަމަށް އިންޑިއާގެ އިދާރާއިން ބުނެއެވެ.
ކެލިފޯނިއާގައި ހުންނަ ގޫގްލްގެ އެންޑްރޮއިޑް މޯބައިލް އޮޕަރޭޓިން ސިސްޓަމަކީ އިންޑިއާގައި އުފައްދާ ފޯނުތަކުގައި އާންމުކޮށް ބޭނުން ކުރާ އޯއެސްއެވެ. އިންޑިއާގެ ހުރިހާ ސްމާޓް ފޯނުތަކުގެ 95 ޕަސެންޓް ފޯނުގައި ހުންނަނީ އެންޑްރޮއިޑް ކަމަށް ރިސާޗް އެޖެންސީ ކައުންޓަރޕޮއިންޓުން ބުނެއެވެ.
ކޮމްޕެޓިޝަން ކޮމިޝަން އޮފް އިންޑިއާ (ސީސީއައި) އިން ބުނީ ގޫގްލްއިން އޮޕަރޭޓިން ސިސްޓަމް ކޮންފިގްރޭޓް ކޮށްފައިވަނީ ޔޫޓިއުބާއި ވެބް ބްރައުޒާ ކްރޯމް އަދި ގޫގުލްގެ މަޝްހޫރު އެހެން އެޕްތަކަށް އެ އެޕްތަކާ ވާދަކުރާ އެޕްތަކަށް ވުރެން ކުރި ލިބޭ ގޮތަށް ކަމަށެވެ.
އެންޑްރޮއިޑްގެ ފޯނުތަކުގައި ގޫގުލް އެޕްތަކުގެ ސޫޓެއް ފޯނު ގަންނަ އިރުވެސް އިންސްޓޯލްކޮށްފައިވާއިރު، އޭގެ ތެރޭގައި އެކުންފުނީގެ އަމިއްލަ ސަރޗް އިންޖީނު ވެސް ހިމެނޭއިރު، "އެއީ ގޫގުލްގެ ސަރޗް ސާވިސްތަކަށް ވާދަވެރިންނަށް ވުރެ ބޮޑު އިސްކަމެއް ދީފައިވާ އެއްޗެއްކަން ފާހަގަ ކުރެވުނު" ކަމަށް ސީސީއައި އިން ބުންޏެވެ.
އެހެން ފަރާތްތަކަށްވެސް ހަމަހަމަ ކަމާއެކު ވާދަ ކުރުމަށް ފުރުސަތު ދޭން ޖެހޭނެކަމަށް ބުނެ އެ ކޮމިޝަނުން ވަނީ 13.4 ބިލިއަން ރުޕީސް (162 މިލިއަން ޑޮލަރު) އިން ގޫގްލް ޖޫރިމަނާކޮށްފައެވެ.
އަދި ކުރިން އިންސްޓޯލްކޮށްފައިވާ ގޫގުލް އެޕްތައް ފޮހެލުމަށްވެސް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ހުއްދަ ދިނުމަށް އެ ކުންފުންޏަށް އަންގާފައިވެ އެވެ.