ޗައިނާއިން ބޫޓާންގެ ސަރަހައްދުގެ ދެ ކިލޯމީޓަރު އެތެރޭގައި ގެތައް އަޅައި މީހުން ވަޒަންވެރިކޮށް ހެދި ވިލެޖެއްގެ ވާހަކަ ފޮޓޯއާއެކު ޓުއީޓް ކުރީ ޗައިނާގެ ސީނިއާ ޖަރނަލިސްޓެކެވެ. މިވާހަކަ މީޑިއާގައި ހޫނުކޮށް ފެތުރިގެން ދިޔައެވެ. އިންޑިއާއާއި ޗައިނާ ދެމެދު 2017ގައި، އަސްކަރީ ކުރިމަތިލުމަކަށް ދިޔަ، ޑޮކްލާމްއާ ކައިރީގައި ހެދި މި ވިލެޖް އެސާހިތަކުން ޗައިނާއިން ރޫޅާލިއެވެ. 19 ނޮވެމްބަރުގައި މަޝްހުރުވެގެން ދިޔަ މިހާދިސާ ރަސްމީކޮށް ޗައިނާއިން ދޮގު ކުރިއެވެ.

މިއީ މިފަހަކަށް އައިސް ޗައިނާ އިން އަވަށްޓެރި ހިސާބުތަކުގައި ފަށާފައިވާ ސަރަހައްދަށް ވެރިވެގަތުމުގެ ސިޔާސަތުގެ މަންޒަރެކެވެ. ކޮވިޑް ފެތުރެން ފެށިފަހުން، ގައުމުތަކުގައި ހަރަކާތްތައް ހުއްޓި ހިމޭނުން އެންމެން ތިބި އިރު، ޗައިނާއިން އެއްގަމާއި ކަނޑުގައިވެސް ޗައިނާގެ ހަންފެތުރުން ފުޅާކޮށްފައި ވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޗައިނާއިން ވަނީ ޗައިނާގެ ސަރަހައްދު ފުޅާކުރުމަށް މަސައްކަތް ފަށާފައެވެ. ބޮޑު ހަނގުރާމައަށްފަހު ގައުމުގެ ސަރަހައްދު ބޮޑުވެގެން ގޮސްފައިވާ ހަަމައެކަނި ގައުމަކީ ޗައިނާއެވެ. މިކަން ޗައިނާ ސަރުކާރާއެކު މައްސަލަ އުޅޭ ޗައިނާގެ ސަރަހައްދުތަކުން ސާފުވާނެއެވެ. ޓިބެޓާއި ޝިންޖިއާންއާއި އަކްސައި ޗިންއަކީވެސް ބޮޑު ހަނގުރާމައަށްފަހު ޗައިނާއިން އިތުރު ކޮށްފައިވާ ތަންތަނެވެ.

އިންޑިއާގެ ހިމާޗަލް ޕްދަދޭޝް އަކީ ޗައިނާގެ ތަނެއްކަމަށްވެސް ބެއިޖިންގ އިން ބުނެއެވެ. އިންޑިއާގެ ގެލްވާން ވާދީން ފެނިގެން ދިޔަ އަސްކަރީ ކުރިމަތި ލުމުންވެސް މިކަން ސާފެވެ. ގެލްވާން ވާދީގެ މައްސަލައިގައި ޗައިނާއިން އިންޑިއާއާ ކުރިމަތި ލަމުން ދިޔައިރު ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ދިޔައީ އަވަށްޓެރިންނަށް ބިރު ދައްކައި ގަނާކުރުމުގެ އަމަލުތައް ކުރަމުންނެވެ.

ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑަކީ ޗައިނާގެ ސަރަހައްދު ގެ ބައެއްކަމަށް ބުނެ، އެތާގެ ޖަޒީރާތަކުގެ ސިޔާދަތު އެހެން ގައުމަކަށް ނޯންނާނެ ކަމަށް ޗައިނާއިން ބުނެއެވެ. ޗައިނާއިން ވަނީ ކުރިން ނެތް މައްސަލައެއް އުފައްދައި އިރުމަތީ ޗައިނާ ކަނޑުގެ ސެންކަކު ޖަޒީރާއަކީ ޗައިނާގެ ތަނެއްކަމަށް ބުނެ ދައުވާ ކޮށް ދެބަސްވުމެއް އުފައްދާފައެވެ.

ނޭޕާލް މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ނޭޕާލާއި ޗައިނާގެ ސަރަހައްދުގައި ޖަހާފައިވާ އިންކަޑަތައް ވަނީ ނަގާފައެވެ. އަދި ބައެއް ކަޑަތައް ވަނީ ނޭޕާލްގެ ސަރަހައްދުގެ އެތެރެއަށް ޖައްސައި އެބިންތައް ޗައިނާއަށް ނަގާފައެވެ. ފޯޓޯތައް ދައްކައި މަސްއޫލުވެރިން ވަނީ އެތާނގައި ޗައިނާއިން ވިލެޖެއް ހަދާފައިވާ ކަމަށް ބުނެފައެވެ. ޗައިނާއިން ވަނީ މިވާހަކަތައް ދޮގުކޮށް، މިވާހަކަތައް ދެއްކި ސިޔާސީ ލީޑަރުންނަށް ބިރު ދައްކާފައެވެ.

ބޫޓާންގައި ޗައިނާއިން ހަދައި، ފަހުން ރޫޅާލި ވިލެޖުން ފެނިގެން ދަނީ، ސަރަހައްދުގެ މައްސަލަތައް އުފެއްދުމަށް ޗައިނާއިން ގެންގުޅޭ އުކުޅުތަކެވެ. މައްސަލަ ނެތް ތަނެއްގައިވެސް މައްސަލައެއް އުޅޭކަމަށް ދައްކައި ޗައިނާއިން މައްސަލައެއް އުފައްދާލައެވެ. އަދި ފަހުން ޗައިނާއާއެކު އެކަމެއްގައި މަޝްވަރާ ކުރުމަށް މަޖުބޫރު ކުރުވުމެވެ. މިކަމުގެ ނުރައްކަލަކީ، ޗައިނާއާ ދެމެދު މައްސަލައެއް އުފެދިއްޖެނަމަ، ޗައިނާއިން އެމައްސަލައެއް ހައްލުކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމާއި ގަނާ ކުރުމުގެ އަމަލުތައް ހިންގާކަމެވެ. ދެކުނު ޗައިނާ ކަނޑައި އިރުމަތީ ޗައިނާ ކަނޑުން އަދި މިފަހުން ގެލްވާން ވާދީއާއި ނޭޕާލްގެ ސަރަހައްދުން ފެންނާން މިކަން ނިކަން ސާފުކޮށް ފެންނާން އެބަހުއްޓެވެ.

ޗައިނާގެ ކަލްޗަރަލް ރެވަލޫޝަންގައި އެތެރޭގެ ހާލަތު ގޯސްވެ، އަހުލީ ހަމަނުޖެހުމަކަށް ގައުމު ވައްޓާލާފައި އޮތް އިރުވެސް ޗައިނާއިން ފެށީ އިންޑިއާއާ ދެކޮޅަށް ހަނގުރާމައެކެވެ. ރައްޔިތުންގެ ފޯކަސް ގެއްލުވާލައި ބޭރުގެ ދުޝްމަނަކާ ދެކޮޅަށް ގައުމު އެއްބައިވަންތަ ކޮށްލުމަށް ޗައިނާއިން ބޭނުން ކުރީ މި ހަނގުރާމައެވެ.

މިދިޔަ މަހު، އޭޕެކްގެ ގައުމުތަކުގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. ޗައިނާގެ ނުރައްކާ މުޅި ދުނިޔެއަށް އޮތް މިންވަރު އިހުސާސް ކުރެވެމުން އެމެރިކާއިން ދަނީ އަސްކަރީ ގޮތުން ޗައިނާ ވަށާލުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.