އީރާނާއި އިންޑިއާއާ ދެމެދު އޮންނަ އާންމު ސަގާފީ އަދި ތަރިކަ ގުޅުންތަކާ ބެހޭ ގޮތުން ޖަމްމޫ އެންޑް ކަޝްމީރުގައި ސެމިނާރެއް ބާއްވައިފިއެވެ. އެ ސެމިނާރުގެ ޝަރަފްވެރި މެހުމާނަކީ އީރާނުގެ އެމްބަސީގެ ސަގާފީ ކަންތައްތަކާ ބެހޭ ކައުންސެލަރ ޑރ މުހައްމަދު އަލީ ރައްބާނީ އެވެ.

ބަރަމުއްލާގައި ބާއްވާފައިވާ މި ދެ ގައުމުގެ ތަރިކައާއި ސަގާފަތާ ބެހޭ ސެމިނާރުގައި ވާހަކަ ދައްކަވަމުން ރައްބާނީ ވިދާޅުވީ، ކަޝްމީރަށް ޒިޔާރަތް ކުރެއްވުމުން، ކަޝްމީރުގެ އަމާންކަމާއި ރީތިކަން އޭނާއަށް އިޙުސާސް ކުރެވިއްޖެ ކަމަށެވެ.

މި ސެމިނާރ އިންތިޒާމު ކޮށްފައި ވަނީ ޖަމްމޫ އެންޑް ކަޝްމީރު ޕީޕަލްސް ޖަސްޓިސް ފްރަންޓުން ނެވެ.

"ކަޝްމީރަށް އައުމަށް ފަހު އަޅުގަނޑަށް ހަގީގަތުގައި ވެސް އިހުސާސް ކުރެވުނީ މިއީ އަމާން ތަނެއްކަން. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަޝްމީރުގެ ގުދުރަތީ ރީތިކަން ބަލައި އަގުވަޒަން ކުރަން އަންނަ މީހުން ފެނުމުން ވަރަށް އުފާވޭ." ރައްބާނީ ވިދާޅުވިއެވެ.

ކަޝްމީރާއި އީރާނަކީ ސަގާފީ ގޮތުންނާއި ތާރީޚީގޮތުން ގުޅިފައިވާ ދެ ފަސްގަނޑެވެ.

މި ކޮންފަރެންސްގައި އިންޑިއާއާއި އީރާނާ ދެމެދު އޮންނަ ސަގާފީ އަދި ތަރިކައިގެ ގުޅުން ތަކާ ބެހޭ ގޮތުން އިލްމުވެރިން ވާހަކަ ދެއްކެވިއެވެ.