ޗައިނާގެ ކޮމިއުނިސްޓް ބާނީ މައޯ ޒެޑޮންގްއަށްފަހު ޗައިނާގެ އެންމެ ބާރުގަދަ ލީޑަރު ކަމުގައި ރައީސް ޝީ ޖިންޕިންގް އަކީ މިހާރުވެގެން ހިނގައްޖެއެވެ.
ޝީގެ ހަރުކަށި ކޮވިޑް ޒީރޯ ސިޔާސަތަށް ތާއީދު ކުރި ފަރާތްތަކަށް އިސް މަގާމުތައް ބަހާފައި ވެއެވެ. އެގޮތުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި މީހަކީ ޝަންހާއީގެ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ ލީ ކިއަންގްއެވެ.
އޭނާ ވަނީ މި އަހަރުގެ ކުރީކޮޅު ދެ މަސް ދުވަހަށް މާލީ މަރުކަޒު ބަންދުކޮށްފަ އެވެ. އެ ސިޓީގައި ކާބޯތަކެތީގެ ދަތިކަމާއި ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި، ސޯޝަލް މީޑިއާގައި ސަރުކާރާ ދެކޮޅު ޕޯސްޓްތައް އާދަޔާ ގިނަ ވިނަމަވެސް ޝެންހާއީން އެ ޕޯސްޓްތައް ކާމިޔާބު ކަމާއެކު ފޮހެލިއެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި ޗައިނާގެ އައު ބޮޑު ވަޒީރުގެ މަގާމަށް ދެން އައްޔަން ކުރެވޭނީ ލީ އެވެ. މިއީ ޗައިނާގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކަށް ސިހުމެއް ލިބޭނެ ކަމެއް ކަމަށް ބެލެވެއެވެ.
"(ޝެންހާއީގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު) ލީ ކިއާންގް ހަގީގަތުގައި ޕްރިމިއާ އަކަށް ވެއްޖެނަމަ އޭގެ މާނައަކީ ޝީ އަކީ ހުރިހާ ކަމެއްގެ ބާރުގަދަ މީހެއް،" ދައުލަތުގެ ނޫހެއްގެ ކުރީގެ އެޑިޓަރު އަދި މިހާރު ނިއުޔޯކުގައި ހުންނަ ތިންކް ޓެންކް ޗައިނާ ސްޓްރެޓެޖިކް އެނަލިސިސްގެ ދިރާސާވެރިއެއް ކަމަށްވާ ޑެންގް ޔޫވެން ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ 20 ވަނަ މަރުކަޒީ ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ކަމަށް އިންތިޚާބުވެވަޑައިގެން ކުރިން ޗައިނާގައި ނުފެންނަ ތިންވަނަ ދައުރެއް ކަށަވަރު ކުރެއްވުމަކީ ދުނިޔޭގެ ސުލްހައަށް ވެސް ނުރައްކަލެއް ކަމަށް ބައެއް މުހައްލިލުން ބުނެއެވެ.
މިކަމާ ގުޅިގެން ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޗައިނާގެ ރައީސްގެ މަގާމަށް ޝީ ޖިންޕިންގެ ތިންވަނަ ދައުރަކީ އިރުމަތީ އޭޝިއާގެ ގައުމަށާއި ދުނިޔެއަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ދައުރަކަށް ވެދާނެ އެވެ. އަދި އިންޑޯ ޕެސިފިކް ސަރަހައްދަކީ ކައިރި މުސްތަގުބަލެއްގައި ހަނގުރާމައިގެ ތިއޭޓަރަކަށް ވެދާނެ ސަރަހައްދެއްކަމަށްވެސް އެފަރާތްތަކުން ލަފާ ކުރެއެވެ.
އޭގެ އިތުރުން ހަފްތާއެއްހާ ދުވަހަށް ބޭއްވި 20 ވަނަ ނޭޝަނަލް ކޮންގްރެސްގައި ޝީ ދެއްކެވި ވާހަކަފުޅުތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލާއި ޖިއޮޕޮލިޓިކަލް ޓެންޝަން ނިމުމަކަށް އަންނާނެ ކަމުގެ އެއްވެސް އުއްމީދެއް ވާނަމަ އެކަމެއްވެސް ވަނީ ފޮހެލާފައެވެ.
ޝީގެ ވާހަކަފުޅުގައި ބާރުއެޅުއްވީ ޗައިނާގެ މައިގަނޑު މަސްލަހަތުތައް ހިމާޔަތްކުރައްވާނެ ކަމަށާއި މާނައަކީ ހަރުކަށިކަން ދައްކާނެ ކަމަށާއި ބާރުގެ ބޭނުން ކޮށްގެން ޓައިވާން އެއްބައިވަންތަ ކުރައްވާނެ ކަމަށެވެ.