ޕާކިސްތާންގައި އަންހެން ނޫސްވެރިއަކު މަރާލައިފިއެވެ. ޝާހީނާ ޝާހީން ބަލޯޗްއަކީ، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި ޓީވީގައިވެސް މަސައްކަތް ކުރަމުން އައި އަންހެން ނޫސްވެރިއެކެވެ. އިޖުތިމާއީ ރޮނގުންވެސް އަންހެނުންގެ ތަރައްގީގައި ހަރަކާތްތެރިވަމުން އައި އަންހެނެކެވެ.

އޭނާ މިއަދު މަރާލާފައިވަނީ އޭނާއާ ވަރަށް ގާތުން ގަޔަށް ދެ ވަޒަން ޖަހައިގެންނެވެ.

ޝާހީނާ މަރާލާފައިވަނީ ބަލޫޗިސްތާންގެ ތުރުބަތުގައެވެ. ތުރުބަތު، މިދުވަސް ވަރު ނޫސްތަކަށް އައިސްފައިވަނީ ސިފައިންގެ މީހަކު ޒުވާނަކު މަރާލުމާ ގުޅިގެންނެވެ.

ޝާހީނާގެ މަރުގެ މައްސަލާގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މިމީހާއަކީ އޭނާ ކާރުގައި ހަސްފަތާލަށް ގެންގޮސް ފިލައިގެން ދިޔަ މީހާއެވެ.

ފުލުހުން ލަފާ ކުރާ ގޮތުގައި މިއީ ހައްދުފަހަނައަޅާފައިވާ މީހުންގެ އަމަލެކެވެ.

ޕާކިސްތާންގެ ނޫސްވެރިކަމާ ބެހޭ ގޮތުން ބައިނަލްއަގްވާމީ ފަރާތްތަކުން ބުނަނީ ޕާކިސްތާނަކީ ނޫސްވެރިންނަށް ނުރައްކާތެރި ތަނެއްކަމަށެވެ. ނޫސްވެރިންނަށް ހަމަލަ ދިނުމުގައި ރަސްމީ ފަރާތްތަކާއި އަމިއްލަ ފަރާތްތަށް ބައިވެރިވާކަމަށް ތުހުމަތުކޮށް ނޫސްވެރިން ވާހަކަ ދައްކައެވެ.

ފްރީޑޮމް ނެޓްވޯކްއިން ހާމަކޮށްފައިވާ 2020ގެ ނޫސްވެރިކަމުގެ މނިވަން ކަމުގެ ރިޕޯޓްގައި ބުނެފައިވަނީ ނިމިގެން ދިޔަ 12 މަސް ތެރޭގައި ނޫސްވެރިންނާއި މީޑިއާއާ ދެކޮޅަށް 91 ހަމަލާ ޕާކިސްތާންގައި ދީފައިވާ ކަމަށެވެ.

މީގެ ތެރޭގައި ނޫސްވެރިންނަށް ދީފައިވާ ހަމަލާތަކާއި އަދި އެމީހުންނާ ދެކޮޅަށް ސަރުކާރުން ހިންގާފައިވާ ދައުވާފަދަ މައްސަލަތައްވެސް ހިމަނާފައި ވެއެވެ.

ނޫސްވެރިން މަރާލުމަށްވެސް އިންޒާރު ދީފައިވާ 11 ކޭހެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ޕާކިސްތާންގައި ނޫސްވެރިންނާ ދެކޮޅަށް ހަމަލާދޭ މީހުންނަކީ ސަރުކާރުގެ އިދާރާއެއް ތަމްސީލުކުރާ މަސްއޫލުވެރިން ކަމަށްވެސް ވެއެވެ. އަދި ސިޔާސީ ޕާޓީތަކުގައި ހިމެނޭ ފަރާތްތަކުންވެސް ގިނަ އަދަދަކަށް ނޫސްވެރިންނަށް އިންޒާރު ދީފައިވާކަން ލިސްޓް ކޮށްފައި ވެއެވެ.

ޑޯން ނޫހުން ރިޕޯޓް ކުރާ ގޮތުގައި ނޫސްވެރިންނަށް ދޭ ހަމަލާތަކުގެ މަގްސަދަކީ މީޑިއާއަކީ ސަރުކާރަށް ތަބާވާ އެއްޗެއް ކަމުގައި ހެދުމެވެ. އަދި ސަރުކާރުގެ ތެރޭގައި އަށަގަންނަމުންދާ ޚުދު މުޚުތާރު ގޮތްތަކުން މިއަށް އިތުރު ހިތްވަރެއް ލިބިގެންދާކަމަށްވެސް ބުނެފައި ވެއެވެ. ޑޯން ނޫހުން ބުނާ ގޮތުގައި ޕާކިސްތާންގެ އެއްވެސް ސަރަހައްދަކީ ނޫސްވެރިންނަށް ރައްކާތެރި ސަރަހައްދެއް ނޫނެވެ. އަދި އިސްލާމްއާބާދަކީ ވަރަށްވެސް ނުރައްކާތެރި ތަނެއް ކަމުގައި ނޫސްވެރިން ދެކޭ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ނޫސްވެރިންނަށް އެންމެ ގިނައިން ހަމަލާ ދީފައިވަނީ ސަރުކާރުގައި ހިމެނޭ ފަރާތްތަކުންނެވެ.

އެންމެ ބޮޑަށް ހަމަލާ ދެވެނީ ޓީވީގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.

ޕާކިސްތާންގެ ބޮޑުވަޒީރުކަމަށް އިމްރާން ޚާން ވަޑައިގެންނެވިފަހުން ޕާކިސްތާންގައި ނޫސްވެރިނަށް އަމާޒުކުރެވޭ ހަމަލާތައް އިތުރުވެފައިވާތީ އެކަމާމެދު އެތައް ފަރާތަކުން ކަން ބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މިކަމާ ބެހޭ ގޮތުން ޚާންއާ ސުއާލު ކުރުމުން ވިދާޅުވެފައިވަނީ ޕާކިސްތާންގައި މީޑިއާ އުޅެނީ ހައްދުން ނެއްޓިގެން ކަމުގައެވެ. ޑޯންއާ ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި ނޫސްވެރިން ބުނެފައިވަނީ ޕާކިސްތާންގައި ދުވަހަކުވެސް ސަރުކާރާ މީޑިއާއާ ދެމެދު މާ ރަހުމަތްތެރި ގުޅުމެއް ބޭއްވިފައެއް ނުވެއެވެ. ނަމަވެސް އިމްރާން ޚާންގެ ދުވަސްވަރު މި ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.

އެމެރިކާގެ ޓައިމް މަޖައްލާއިން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ލިޔުނު ރިޕޯޓްގައި ނޫސްވެރިކަމާ ގުޅޭ ގޮތުން ހައްލުކުރަން ޖެހޭ އެންމެ މުހިންމު 10 ކަމުގެ ތެރޭން ފާހަގަ ކޮށްފައިވާ އެއްކަމަކީ ޕާކިސްތާންގައި ހައްޔަރުކޮށްފައިވާ ޖަންގްއާއި ޖިއޯ ގްރޫޕްގެ އެޑިޓާ އިން ޗީފް މީރު ޝަކީލުއްރަހްމާން މިނިވަން ކުރުމުގެ މައްސަލައެވެ.

މީޑިއާ އޮބިއަޅާފައި: ޖިއޯގެ ޗީފް އެޑިޓަރ މީރު ޝަކީލުއްރަހްމާން