އިޒްރޭލުން އެގައުމުގެ ރައްޔިތުންނަށް ގަލްފްގެ ގައުމުތަކަށް ނުދާން އަންގައިފިއެވެ. އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ބުނެފައިވަނީ އީރާންގެ ނިއުކްލިއަރ ސައިންޓިސްޓް މަރާލި ހާދިސާއަށް ބަދަލު ހިފުމަށް އީރާނުން އަޅާފާނެ ފިޔަވަޅަކަށް ރައްކާތެރިވެ ތިބުމަށެވެ.

އިޒްރޭލާ އެކު ގުޅުން ގާއިމް ކޮށްފައިވަނީ ޔޫއޭއީއާއި ބަހުރައިން އިންނެވެ. މި ދެގައުމަށް ނުދިނުމަށް އިޒްރޭލުން ވަނީ އިލްތިމާސް ކޮށްފައެވެ. ގަލްފާއެކު ރަނގަޅުވެފައިވާ ގުޅުމާއެކު އިޒްރޭލުގެ ގިނަ އަދަދެއްގެ ރައްޔިތުން މި ގައުމުތަކަށް ދަތުރުތަކަށް ތައްޔާރު ވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މީގެ އިތުރުން އީރާނާއިން ވެގެންވާ އަރްމީނިއާއި ޖޯރޖިއާއާއި ތުރުކީއާއި އިރާގް ކުރުދީންގެ ސަރަހައްދުތަކަށްވެސް އިޒްރޭލު ރައްޔިތުން މި ދުވަސްކޮޅު ދަތުރުނުކުރުމަށް އެދިފައި ވެއެވެ.

އީރާންގެ ނިއުކްލިއަރ ސައިންޓިސްޓް މިދިޔަ ހުކުރުދުވަހު މަރާލާފައިވަނީ އިޒްރޭލުން ކަމަށް ތުހުމަތު ކުރެވެއެވެ. އިޒްރޭލުން މިކަމުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

2018ގައި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވަނީ ސައިންޓިސްޓް މުހްސިން ފަޚްރީޒާދާ ގެ ނަން ހަނދާން ބެހެއްޓުމަށް އިންޒާރު ދެއްވާފައެވެ.