ވާވޮށި ފެސްޓިވަލް 2022 އަކީ އޮލިވް ރިޑްލީގެ ފަރާތުން މިނިސްޓްރީއޮފް އެޑިޔުކޭޝަނާއި ގުޅުގެން ހިންގާ ޙަރަކާތެކެވެ. މިއީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ފާހަގަކޮށް، ވެލާ ކަހަނބު ހިމާޔަތްކުރަން ގޮވާލާ ޙަރަކާތެއެއްކަމަށް އޮލިވް ރިޑްލީ ޕްރޮޖެކްޓުން މައުލޫމާތު ދިނެވެ.

"ވާވޮށި ފެސްޓިވަލް 2022" ގެ މަޤުޞަދަކީ ވެލާ ކަހަނބާއި، އެތަކެތީގެ މާހައުލާއި، ރާއްޖޭގެ ޤުދުރަތީ ނިޒާމްތަކާއި މެދު ހޭލުން ތެރިކަން އުފެއްދުމެވެ.

29 އޮކުޓޫބަރު 2022 ވާ ހޮނިހިރު ދުވަހު ބާއްވާ މި ފެސްޓިވަލް އަކީ ރާއްޖޭގެ 7 އަތޮޅެއްގެ 8 ސްކޫލްގައި އެއްފަހަރާ ބާއްވާ ބޮޑު ޙަރަކާތެކެވެ. އަދި މި ޙަރަކާތް އަމާޒު ކޮށްފައިވަނީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.

ވާވޮށި ވެލަ އަކީ "އޮލިވް ރިޑްލީ ޓާޓަލް" އަށް ދިވެހިން ކިޔާނަމެވެ. ރާއްޖެއިން މިބާވަތުގެ ވެލާ ވަރަށް ގިނައިން އޮއިވާލި ދަލުގައި ތާށިވެފައި ހުންނަނިކޮށް ފެނެއެވެ. 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 909 ވާވޮށި ވެލާ އޮއިވާލި ދަލުގައި ތާށިވެފައިވާކަން ރެކޯޑުކުރެވިފައި ވާކަަމަށް އޮލިވް ރިޑްލީ ޕްރޮޖެކްޓުން މައުލޫމާތު ދިނެވެ. މިތަނުން 99 ވެލާ ސަލާމަތްކޮށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށްވެސް އޮލިވް ރެޑްލީ ޕްރޮޖެކްޓްގެ ފަރާތުން ބުންޏެވެ. އަދި ވެލާ ކަހަނބަކީ ރާއްޖެއިން ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތެއް ކަމުގައިވެސް އެ ފަރާތުން ފާހަގަކުރެ އެވެ.

އޮލިވް ރިޑްލީ ޕްރޮޖެކްޓަކީ 2013 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގައި ވެލާ ކަހަނބާއި އޭގެ މާހައުލުތައް ހިމާޔަތް ކުރަން މަސައްކަތް ކުރަމުންއަންނަ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ކުރާ މަސައްކަތުގެތެރޭގައި އަނިޔާވެފައިވާ ވެލާ ކަހަނބަށް ފަރުވާ ދިނުމާއި، ވެލާ ކަހަނބުގެ އާބާދީ ދިރާސާ ކުރުމާއި ވެލާ ކަނހަބާއި ބެހޭގޮތުން ހޭލުން ތެރިކަން އިތުރުކޮށް، ތަޢުލީމު ފޯރުކޮށްދިނުން ހިމެނެއެވެ.