އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި ކަަމށް މޯލްޑިވް ޕޮލިސްޓޭޝަނުން މިއަދު މައުލޫމާތު ދީފިއެވެ. އަދި މި ތަކެތި ނައްތާލާފައިވަނީ އޮކްޓޯބަރ 24 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުން ކަމުގައިވެސް ފުލުން ބުންޏެވެ.

ވިލިނގިލީ ޕޮލިސްޓޭޝަނުން، ނައްތައިލާފައިވަނީ 193 ފުޅި ބަނގުރާ އަދި 41 ދަޅު ބިޔަރެވެ. މިތަކެއްޗަކީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 14 އިން އޮކްޓޯބަރ 18 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދިނެވެ.

މި ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.