އަމިއްލަ އެދުމުން އެއްކިބާވެ ތިބެ އެހީތެރިކަމަށް ބޭނުންވެފައިވާ ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކު ކަމެއްކޮށްދިނުމަކީ އަމިއްލަ އުފަލެއް ކަމުގައި ހެދުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދަރުމަވެރިންގެ ދުވަހާ ގުޅިގެން ދެއްވި ކުރުޚިތާބުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދަރުމަވެރިކަމުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި މުޖުތަމުގައި ހުރިހާ ހުރިހާ ބައިވެރިން އެކަމުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެއީ ދިވެހިރާއްޖެ އުފާވެރި އަމާން އައްސޭރިއަކަށް ވާސިލް ވުމަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. "ދަރުމަވެރިއެއްގެ ގޮތުގައި ކޮންމެ ދުވަހަކު ތިމާގެ އަމިއްލަ އެދުމުން އެއްކިބާވެ މުޖުތަމައުގެ އުފަލަށްޓަކައި ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް،" ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފުސަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ކަމަށެވެ. އޭގެ އިތުރުން މުޖުތަމުގެ ބަދަހިކަމާއި އުފާފާގަތިކަމާއި އޯގާތެރިކަން އިތުރުކޮށްދޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. "މިއަހަރުގެ ޝިއާރުގައިވާ ފަދައިން "އެންމެން އެކުގައި ކާމިޔާބާއި ފުރިހަމަ ނަތީޖާއާ ހަމައަށް ވާސިލް ކޮށްދޭނެ ކަމެއް،" ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްދިނުމުގެ ރިވެތި، މަތިވެރި ސިފައަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މަތިވެރި ދިވެހި ސިފައެއް ކަމަށެވެ. އެހެންކަމުން އެމާތް މަތިވެރި ސިފައިން ޒީނަތްތެރިވުމަށް މިޖީލުގެ ހުރިހާ ލޮބުވެތި ޒުވާނުންނަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅިވީ "އެހީތެރިކަން ފޯރުކޮށްދޭ މީހާގެ ކިބައިން އެއްވެސް އެހީއަކަށް އެއްވެސް ހެވަކަށް އުންމީދު ކުރުމެއްނެތި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދަރުމަވެރިކަން ނުވަތަ ވޮލަންޓިއަރިޒަމް،" ކަމަށެވެ.