މިދިޔަ ހަފްތާގައި ބެއިޖިންގައި ބޭއްވި ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ޗައިނާގެ ކުރީގެ ލީޑަރު ހޫ ޖިންޓާއޯ ޖަލްސާއިން ބޭރުކުރުމުގެ ކުރިން ކަން ހިނގާފައިވާ ގޮތް އިތުރަށް ދައްކުވައިދޭ ތާޒާ ވީޑިއޯ ފޫޓޭޖްތަކެއް ވަނީ ފެނިފައެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި މައްސަލައަކަށްވެފައި ވަނީ ހޫ ގެންގުޅުއްވި ފައލެއްގައި ހުރި އޭނާގެ ލިޔންތަކެވެ. ހޫގެ ކަނާތްފަރާތުގައި އިންނެވި، ޕޮލިޓްބިއުރޯގެ މެމްބަރުކަމުން މި ދައުރަށް ވަކިވެވަޑައިގަންނަވާ ލީ ޒާންޝޫ، ފައިލްއެއް ނަގައިގެން އޭނާއާ ވާހަކަ ދައްކާ ތަން ފެނެއެވެ.

އެއަށްފަހު، ޗައިނާގެ ލީޑަރު ޝީ ޖިންޕިންގް އެހެން މީހަކަށް ދިގުކޮށް އިރުޝާދުތަކެއް ދެއްވުމަށްފަހު އެމީހަކު އޭގެ ފަހުން ހޫ ޖަލްސާއިން ބޭރަށް ވަޑަގަތުމަށް ދަންނަވާތަން ފެނެއެވެ.

ބައެއް މީހުން ލަފާ ކުރާ ގޮތުގައި މިއީ ގަސްތުގައި ސްޓޭޖު ކޮށްފައިވާ ޑްރާމާއެކެވެ. ހޫ އަކީ އެންމެންނާއެކު ޚިޔާލުތައް ބަދަލު ކުރައްވައި މައިތިރި ގޮތަކަށް ވެރިކަން ކުރެއްވި ބޭފުޅެކެވެ، އެހެންވެ، ހޫގެ ޒަމާނު ނިމުމަކަށް އައީ ކަމަށް މިއިން އިއުލާން ކުރުމަކީ މިހާރުގެ ލީޑާޝިޕްގެ މަގްސަދެއްކަމުގައި ވެދާނެއެވެ.

މި އައު ވީޑިއޯ އާންމުކޮށްފައި ވަނީ ސިންގަޕޫރުގައި ހުންނަ ޗެނަލް ނިއުސް އޭޝިއާ އިން ނެވެ.