ރާއްޖޭގެ ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ އެންމެ ބޮޑު އެއް ޙިއްޞާ އޮތީ މަޖީދިއްޔާ ސްކޫލްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އަދި އެ ސްކޫލް ހުޅުވުމަށް ފަހު، ރާއްޖޭގެ ޤައުމީ ޙަޔާތުގައި އައި ކޮންމެ ދުވަހަކީ، މަޖީދިއްޔާ ސްކޫލުން ދަރިވަރުވި ޒުވާނުންގެ ޚިދުމަތްތައް މި ޤައުމަށް ލިބުނު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މިއަދު މި ފާހަގަކުރަނީ މަޖީދިއްޔާ ސްކޫލުން 95 އަހަރު ކެނޑިނޭޅި ފޯރުކޮށްދިން ތަޢުލީމީ ދަންމަރުގެ އަލީގައި ދިވެހިން ހޯދި ތަރައްޤީއާއި ދިވެހި އުންމަތަށް ލިބުނު ކާމިޔާބީގެ ހަނދާންތައް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލްގެ ބިންގާ އަޅުއްވައި، ދިވެހި ދަރިންނަށް ތަޢުލީމު ދޭން ފެއްޓެވި، އަލް މަރުޙޫމް ޙުސައިން ޞަލާހުއްދީންގެ ހަނދާން އާ ކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެންމެ އިހުއްސުރެވެސް ދިވެހިންނަކީ ތަޢުލީމަށް ލޯބިކުރި ބައެއްކަމުގައި ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތަޢުލީމީ ކަންކަން ކުރިއަރަމުން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން 1927 ވަނަ އަހަރުގެ އެޕްރީލް 19 ވަނަ ދުވަހު، މަދަރުސަތުއް ޞަލާޙިއްޔާ ވުޖޫދަށް އައުން އެއީ މަޖީދިއްޔާ ސްކޫލްގެ ފެށުންކަމުގައި ވިދާޅުވިއެވެ. އަދި މުޅި ދިވެހި އުންމަތަށް ތަޢުލީމުގެ އަލިކަން ފެތުރިގެން ދާން ފެށީ އެ މަދަރުސާ އުފަންވި ހިސާބުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިންނާއި، މަޖީދިއްޔާ ސްކޫލުން ތަޢުލީމް ހާސިލްކޮށްފައިވާ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.