އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފިއެވެ.
އެ ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެއީ އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ބުނާ ތަކެއްޗަކީ:
މާފަންނު ޕޮލިސް ސްޓޭޝަންގައި
އޮކްޓޯބަރ 14 ވަނަ ދުވަހު ހަނދުވަރީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަތަރު ޖެކް ދަގަނޑު. އިންސިޑެންޓް ނަންބަރ 536873
އޮކްޓޯބަރ 21 ވަނަ ދުވަހު ކެނެރީމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ސާކިއުލަރ ކީސް، 2 ބުރުމާ، 4 ސެންޑަރ، 1 ޓަޔަރު ކަޓަރ. އިންސިޑެންޓް ނަންބަރ 537576
އޮކްޓޯބަރ 22 ވަނަ ދުވަހު ސިޓީ ބޭކަރީ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ކެވެލިކޮޅެއް. އިންސިޑެންޓް ނަންބަރ 537649
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ފުލުހުން ދަންނަވައެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަންގައި
އޮކްޓޯބަރ 21 ވަނަ ދުވަހު، ނޯތު ހާބަރުގައި އޮތް ބޯޓަކަށް އަރުވާފައި ހުރި ވެރިއަކުނެތް ކަޅުކުލައިގެ ބައިސްކަލެއް. އިންސިޑެންޓް ނަންބަރ 537491
އޮކްޓޯބަރ 25 ވަނަ ދުވަހު ވެލާނާގެ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ނަމްބަރު އައިނެއް. އިންސިޑެންޓް ނަންބަރ 537861
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން ފުލުހުން އެދެއެވެ. އަދި މި ތަކެތީގެ ވެރިފަރާތުން، ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ފުލުހުން އެދެމެވެ.