ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ އެމްޑީޕީއަށް ލިބުނީ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އޭނާއާއެކު އިސްކޮށް ތިއްބެވި ބޭފުޅުން މަކަރު ހެދުމުގެ ނަތީޖާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫން މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅު މަނަދޫގައި ޕީޕީއެމުން މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. "މިއަދު އެމްޑީޕީއަށް ލިބިގެން ތިޔައުޅޭ ބޮޑު މެޖޯރިޓީއަކީ ހަމަ ކަނޑައެޅިގެން ޖުމްހޫރީޕާޓީން ގާސިމް އިބްރާހީމާއި އޭނާގެ އިސްކޮށް ތިއްބެވި ބޭފުޅުން އަޅުގަނޑުމެންނަށް ވަރަށްބޮޑަށް މަކަރުތަކެއް ހައްދަވައިގެން އަޅުގަނޑުމެންނާއެކީ ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް ވިދާޅުވެގެން އެތައް ވާހަކައެއް ދައްކަވައިގެން އަޅުގަނޑުމެން ދާއިރާތަކެއް ދޫކޮށްލި ކަމުގެ ނަތީޖާ،" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެދާއިރާތައް ދޫކޮށްލީމާ އޭގެ ނަތީޖާއަކަށްވީ ޖުމްހޫރީޕާޓީއަކަށް ވެސް ގޮނޑި ނުލިބުން ކަމަށެވެ. އަނެއްކޮޅުން އެދާއިރާތަކަށް ޕީޕީއެމުން ކެންޑިޑޭޓުން ނުދެއްކުނު ކަމަށް ވެސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރަންޖެހުނީ މަޖުބޫރީ ހާލަތުގައި ނޫނީ ގަންޕޮއިންޓްގައި ތިބެގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެންނަމަވެސް ކުރިއަށްއޮތް ތަނުގައި ކައުންސިލް މަޖިލީހުގެ ގޮނޑިއެއް ވެސް އަދި ކައުންސިލްގެ ގޮނޑިއެއްހާ ހިސާބުވެސް ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ޕީޕީއެމްއިން ދޫނުކުރާނޭ ކަމަށެވެ.

ޔާމީން ވިދާޅުވީ އެފަހަރު ސިޔާސީ ގޮތުން ޕީޕީއެމާއެކީ ރަނގަޅު މަސައްކަތްތަކެއް ކޮށްދެއްވާނޭ ކަމަށް އޭރުގެ ކޯލިޝަން ޕާޓީތަކުން ބުނި ކަމަށެވެ. އެގޮތަށް ބުނެ އެތައް ވާހަކައެއް ދެއްކި ކަމަށާއި އެހެނަސް މުސްތަގުބަލުގައި އަތޮޅުތަކަށް ގަވަރުނަރުން ލައިގެން ހިންގާ އުސޫލުން ކަންކަން ނުކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި އެމަނިކުފާނު ވަނީ ފޯޅަވަހީގެ މައްސަލާގައި ވެސް ވާހަކަ ދައްކަވައިފައެވެ. އެ މައްސަލާގައި ވެސް ގާސިމް އިބްރާހީމާއި ނާޒިމްގެ އަތެއްވާ ކަމުގެ ތުހުމަތު ރައީސް ޔާމީން ވަނީ ކުރައްވައިފައެވެ. މި މައްސަލަ އުފެދިގެން އައީ ރައީސް ސާލިހު މޮރިޝަސްއަށް ފޮނުވި ސިޓީއަކުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައިސް ޔާމީން ވިދާޅުވީ ފޯޅަވަހީގެ މައްސަލައަކީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށެވެ. އެހެން ކަމުން ދެކެވެނީ ބައިނަލްއަގުވާމީ ސިޔާސީ ވާހަކަ ކަމަށް ވެސް ވިދާޅުވިއެވެ. "ގެއްލިފަ އޮންނަ އެކަހަލަ ބިމެއް ސިޔާސީ ގޮތުން އަޅުގަނޑުމެން ތަސައްރަފު ނުފުދިގެން ދޫކޮށްލާފަ އޮތް ބިމެއް އޮތް ގައުމެއް އަނބުރާ ގެންނާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މިމަހު 25 ވަނަ ދުވަހު ނ. އަތޮޅަށް ފެށްޓެވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާދަމާ މާލެ ވަޑައިގަންނަވާނެއެވެ.