"ޗަނާޗާ 2022" ގައި ބައިވެރި ވުމަށް ލަންކާގެ ޒުވާން ލަވަކިޔުންތެރިޔާ، ޔޮހާނީ ޑިސިލްވާ އާއި އޭނާގެ ޓީމު މިއަދު ރާއްޖެ އަތުވެއްޖެ ކަމަށް ޓުވަރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

ޔޮހާނީ ރާއްޖެ މިއައީ ބައިސްކޯފް އިން އިންތިޒާމު ކުރާ "ޗަނާޗާ2022 ގައި ބައިވެރި ވުމަށެވެ. މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ޔޮހާނީ އަކީ މި ސަރަޙައްދުގައި ވަރަށް މަޝްހޫރު ލަވަކިޔުން ތެރިއެކެވެ. ބޮލީވުޑް ގެ ފިލްމްތަކަށްވެސް އޭނާ މިހާރު ލަވަ ކިޔައެވެ. އަދި ދިވެހިންގެ ތެރޭގައިވެސް މިހާރު ޔޮހާނީގެ ލަވަތައް މަޤުބޫލުވުމާއި އެކު އޭނާއަށް ސަޕޯޓުކުރާމީހުން ވަރަށް ގިނައެވެ.

ޔޮހާނީ ބައިވެރިވާ ޗަނާޗާ ޝޯގެ ޓިކެޓްތައް މިހާރުވެސް ވިކެމުން އެބަދެއެވެ. މިޝޯއަށް ވަންނަ ޓިކެޓް ދެ ކެޓެގަރީއަކަށް ބަހާލާފައިވާއިރު ފުރަތަމަ ކެޓަގަރީގެ ޓިކެޓުގެ އަގަކީ 150 ރުފިޔާއވެ. އަދި ވީއައިޕީ ޓިކެޓުގެ އަގަކީ 999 ރުފިޔާއެވެ.

999 ރުފިޔާއަށް ވިއްކާ ވީއަޕީ ޓިކެޓެއްގަނެގެން ޔޮހާނީ އާެއެކު ވާހާދައްކާލާ ފޮޓޯ ނަގާނެ ފުރުޞަތު ލިބެއެވެ. މީގެ އިތުރަށް މި އަގުގައި ޓިކެޓް ގަތުމުން ބައިސްކޯފް އިން ވަނީ ޗަނާޗާ ޓީޝާޓަކާއި ޝޯ ބެލުމަށް އިށީނުމަށް ޚާއްޞަ ގޮނޑިއެއް ލިބޭނެ ފުރުޞަތު ހުޅުވާލާފައެވެ.

ޔޮހާނީގެ އިތުރަށް "ޗަނާޗާ 2022" ގައި ދިވެހި ފަންނާނުންގެ ހުނަރު ދައްކާލުން އޮވެ އެވެ. މިއީ ދިވެހި ފަންނާނުންގެ ހުނަރު ދައްކަލާ އެ ހުނަރު ކުރިއެރުވުމަށް ބައިސްކޯފް އިން ބާއްވަ ޝޯއެކެވެ.

ޗަނާޗާ 2022 އޮންނަނީ އަންނަ ހޮނި ހިރު ދުވަހުގެރޭ 8:00 އިން 12:00 އަށް ހުޅުމާލޭ ޓްރެކް ދަނޑުގައެވެ.