ޒިންބާބުވޭގެ ދީނީއިލްމުވެރިޔާ ދުނިޔެއަށް މަޝްހޫރު، މުފްތީ މެންކް ރާއްޖެ ވަޑައިގެންފިއެވެ. މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި މުފްތީ މެންކް ދަރުސް ދެއްވާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އޭގެ އިތުރުން މާދަމާ (ހުކުރު ދުވަހު) އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި އިމާމްވެ ހުކުރު ނަމާދުވެސް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މުފްތީ މެންކަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދީނީ ޢިލްމު ފެތުރުމަށްޓަކައި މަސައްކަތްކުރައްވަމުންދާ ޢިލްމުވެރިއެކެވެ.

މުފްތީ މެންކްގެ ދަރުސް ތާވަލް:

  • މާލެ- އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި

  • ފުވައްމުލައް ސިޓީ – އޮކްޓޯބަރު 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި

  • އައްޑޫ ސިޓީ – އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި

  • ހުޅުމާލެ- އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި.

މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ. މި ދަރުސްތައް އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

މުފްތީ މެންކްގެ ދަރުސްތަކުގެ މައުޟޫޢުތައް ޚާއްސަކޮށްފައިވަނީ މުޖުތަމަޢުގައި ހުރި މުހިންމުކަންތައްތަކަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން މާތްﷲއާއި އިންސާނާއާއި ދެމެދު އޮންނަ ގުޅުމާއި، އާއިލީ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތަކާއި، ޑިޕްރެޝަންއާއި އެންޒައިޓީފަދަ ހާލަތްތަކުގައި ޢަމަލުކުރާނޭ ގޮތްތައްފަދަ މުހިންމު މައުޟޫޢުތައް ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މިދަރުސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.