އަންނަ އަހަރު ޕީޕީއެމަށް ވެރިކަން ލިބިއްޖެ ކަމަށްވާނަމަ ނ. ވެލިދޫ ރައްޔިތުން ޕިކްނިކްދާނޭ ރަށެއް ވެލިދޫ ކައިރިން ހަމަޖައްސައިދެއްވާނޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގަައި ރައީސް ޔާމީން ވިދާޅުވީ އެރަށުގެ ޒުވާނުން ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި އެމީހުން ޕިކްނިކްދާން ރަށެއް ބޭނުންވާ ކަމަށް އެމަނިކުފާނަށް ދަންނަވާފައި ކަމަށެވެ. އެ ވާހަކަ އެގޮތަށް ދެއްކީ މިހާރުގެ ސަރުކާރުން ހުރިހާ ރަށެއް ވިއްކަމުންދާތީ ޕިކްނިކްދާނޭ ރަށެއްވެސް ނުލިބިދާނެތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ވެެލިދޫ ރައްޔިތުންނަށް އެ ރަށް އޮންނާނޭ ކަމަށެވެ. ހުރިހާ އުފަލަކީ ފައިސާއަށް ބަދަލު ކުރެވޭނޭ އެއްޗެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ވެލިދޫގެ ރައްޔިތުންގެ އުފާތައް ފައިސާއަށް ބަދަލު ނުކުރެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އެމްޑީޕީގެ މިހާރުގެ ސަރުކާރަށާއި ކުރީގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.