އިންޑިއާގެ އައު ޕާލަމެންޓް ބިލްޑިންގގެ ބިންގާ މިމަހު ދިހަ ވަނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ބަހައްޓަވާނެއެވެ. އައު ޕާލަމެންޓް ބިލްޑިންގ އިފްތިތާޙު ކުރުން އޮންނާނީ 2022 ގައި ކަމަށް ލަފާކޮށްފައި ވެއެވެ. މިއީ 971 ކުރޯޑް ރުޕީސް ހޭދަކޮށްގެން ހަދާ ތަނަވަސް އިމާރާތެކެވެ.

މިހާރު ބޭނުން ކުރާ އިނގިރޭސިން ޑިޒައިންކޮށް އިމާތާރް ކޮށްފައިވާ ޕަލަމެންޓް ބިލްޑިންގއަށް ގަރުނެއް ވާން ކައިރި ވަނީއެވެ. އައު އިމާރާތް ނިމުމުންވެސް ކުރިން ބޭނުން ކުރި ޕާލަމެންޓް ބިލްޑިންގ ރިނޮވޭޓްކޮށް އެގޮތުގައި ޕާލަމެންޓްރީ އާދަކާދަ އާއި ޑިމޮކްރެޓިކް ސަގާފަތް ދައްކައި ދިނުމަށް ބޭނުން ކުރާނެއެވެ.

އަލަށް އިމާރާތް ކުރާ ޕާލަމެންޓް ބިލްޑިންގ ގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ލިބިފައިވަނީ ޓާޓާ ކުންފުންޏަށެވެ. މިއިމާރާތް ކުރުމުގައި ސީދާކޮށާއި ނު ސީދާކޮށް، 11 ހާހެއްހާ މީހުން ހަރަކާތްތެރިވާނެ ކަމަށް ބެލެވެއެވެ.

އައު އިމާރާތް ޑިޒައިން ކޮށްފައިވަނީ މުސްތަގްބަލުގައި އެމްޕީންގެ އަދަދު އިތުރުވާނެ ނިސްބަތަށް ބަލައިގެންނެވެ. އައު ބިލްޑިންގ ގައި މާލަމް ތަކާއި އެމްޕީންގެ އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓް ހުންނާނެއެވެ. އަދި ޖުމުލަ 1224 އެމްޕީންނަށް މި އިމާރާތުގައި ތިބެވޭނެއެވެ. މިހާރު ބޭނުންކުރާ ޕާލަމެންޓް ބިލްޑިންގއަކީ 1921 ގައި މަސައްކަތް ފަށައި 1927ގައި އިފްތިތާޙު ކުރި އިމާރާތެކެވެ.