ކޮންމެ މީހެއްގެ ވެސް ހަޔާތުގައި ކުރާ ކޮންމެ ކަމެއް, އެކަމެއް ކުރަން އޮންނަ ފުރިހަމަ, ރިވެތި ޑިސިޕްލީނާ އެއްގޮތަށް ރަނގަޅަށް ކުރުން އެއީ ކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ކާމިޔާބުގެ ތަޅުދަނޑިއަކީ އަދި ކާމިޔާބުވާ ބަޔަކީ އެގޮތަށް މަސައްކަތްްކުރާ މީހުން ކަމަށެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ ކޮންމެ މީހަކުވެސް ގައުމު ކުރިއަރަން ބޭނުން ވާނޭ ކަމަށެވެ. ގައުމަކީ ތަނަވަސް, ތިޔާގި, ފާގަތި, އުފާވެރި ގައުމަކަށްވާން ވެސް ބޭނުންވާނޭ ކަމަށް ވިދާޅުވިއެވެ. ދިވެހީންނަކީ ސަރަހައްދުގައި ތިބި އެންމެ ހިތްހަމަޖެހޭ އެންމެ ކާމިޔާބުވާ މީހުންނަށް ވާން ވެސް ބޭނުންވާނޭ ކަމަށް ވިދާޅުވިއެވެ. އެކަމަކު އެހިސާބަށް ދެވެނީ ކޮންއިރަކުންތޯ އެމަނިކުފާނި ސުވާލު ކުރެއްވިއެވެ.

"އަޅުގަޑުމެންގެ ކިބައިގައި, އެންމެންގެ ކިބައިގަ އެޑިސިޕްލިންގ އަށަގެންނެވީމަ, ހަރުލެއްވީމަ. އެސިފަތައް ދަސްކުރީމަ. އެހެންވީމަ އަޅުގަނޑުމެން އެގޮތް ދަސްކޮށް އޭގެމަތީގައި ތިބެން ޖެހެނީ. އެހެން މީހުންނާ ހަމައަށް ދިއުމުގެ ކުރިން ކުރަންޖެހޭ ކަމަކީ އަމިއްލައަށް ހުރިހާކަމެއް ރަނގަޅަށް ކުރަން ފެށުން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކާމިޔާބު މީހަކަށް ވުމަށްޓަކައި ކުރަންޖެހޭ ކަމަކީ އޭނާ އުނގެނި ދަސްކުރާ އިލްމެއް ނުވަތަ ހުނަރެއް އެއީ އެދަސްކުރި ދާއިރާއަކުން އެންމެ އެކަށީގެންވާ ހުނަރާއި އިލްމް ކަމުގައިވުންކަމަށެވެ. ދަސްކުރުމަށްފަހުގައި ދަސްކުރި ގޮތަށް އަމަލުކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެހެންނޫނީ ކާމިޔާބެއް ނުވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ ކުއްޖަކީ އަދި ކޮންމެ މީހަކީ ތިމާގެ ފަރާތުން އަނެކުންނަށް އެންމެބޮޑު ފައިދާކޮށްދޭ މީހާކަމުގައި ވާންޖެހޭކަމަށެވެ.

ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތިން ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކަންކަން ކާމިޔާބު ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ޑިސިޕްލީން ނުވަަތަ މަސައްކަތުގެ އަޚުލާގު ކަމަށެވެ.

ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު މިނިސްޓަރ ޢިމްރާން ވިދާޅުވީ ކޮންމެ ކާމިޔާބު އިންސާނެއްގެ ކިބައިގަ ނެތިނުދާނެ ސިފައަކީ ޑިސިޕްލިންގ ކަމަށެވެ. އެއީ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މީހެއް ނަމަވެސް, އެމީހަކު އެމަސައްކަތްކުރާ ދާއިރާއަކުން ކާމިޔާބު މީހަކަށްވާއިރު އެމީހެއްގެ ގައިގަ ހުންނަން ޖެހޭ އެންމެ މުހިއްމު ސިފައަކީ ޑިސިޕްލިންގ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ލ.އަތޮޅުގައި ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި, މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި, ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ސްކޫލްތައް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ލ.އަތޮޅުގެ ތިން ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ޓްރެފިކް މޮނިޓަރސް ތަމްރީނުކުރަން ހިންގި ޕްރޮގްރާމް 130 ދަރިވަރުން ފުރިހަމަކުރިއެވެ.